ޚަބަރު

"ޤައުމީ ޚިދުމަތްތެރިންގެ ވާހަކަތައް ޕީއެސްއެމުން ގެނެސްދެނޭ"


ދިވެހި ޤައުމަށް ޚިދުމަތްކުރެއްވި ބޭބޭފުޅުންގެ ޚިދުމަތްތަކާއި ހަނދާންތައް ފަނޑުވިޔަ ނުދީ، އަންނަންއޮތް ޖީލުތަކަށް ފެންނާނެގޮތަށް ގެނެސްދިނުމުގެ މަސައްކަތް ޕަބްލިކް ސަރވިސް މީޑިއާއިން ކުރާނެކަމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

މަރުޙޫމް ޢަބްދުއްސައްތާރު މޫސާ ދީދީގެ ހަނދާނުގައި ލިޔެފައިވާ ފޮތް " ދެވަނައެއް ނެތްފަދަ ޢަބްދުއްސައްތާރު މޫސާ ދީދީ" ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ދިވެހި ޤައުމަށް އެކި ރޮނގުރޮނގުން ބޮޑެތި ޚިދުމަތްތައް ކުރެއްވި ބޭބޭފުޅުންގެ ޚިދުމަތްތައް ރާއްޖޭގައި މިހާތަނަށް ލިޔެވި ރައްކާތެރި ކުރެވިފައި ނުވާކަމީ ހިތާމަކުރަން ޖެހޭކަމެއްކަމަށެވެ. އެހެންކަމުން އެފަދަ ބޭބޭފުޅުންގެ ޚިދުމަތްތަކާއި ހަނދާންތަކުގެ ވާހަކަ ލިޔެވި، ވީޑިއޯ ކުރެވި، އަންނަން އޮތް ޖީލުތަކުން އެއިން ފިލާވަޅު ލިބިގަތުމަށް ޝާއިޢުކުރަންޖެހޭކަމަށާއި، ޕީ.އެސް.އެމުން އެމަސްކަތް ކުރާނެކަމަށެވެ.

އިކްރާމް ވިދާޅުވީ، ރާއްޖޭ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ މިއަހަރު، ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ހަޔާތްޕުޅާއި، ޚިދުމަތްތައް ދައްކުވައިދޭ ޚާއްޞަ ޑޮކިއުމެންޓްރީއެއް ޕަބްލިކް ސަރވިސް މީޑިއާއިން ތައްޔާރުކުރާނެކަމަށެވެ.

"އެއީ އެމަނިކުފާނުގެ ހަނދާންތައް، އެމަނިކުފާނުގެ ޚިދުމަތްތައް މިޤައުމުން ނެތި ނުދާނެ ކޮންމެވެސްކަމެއް އަޅުގަނޑުމެން ކުރަންޖެހޭ. ހަމައެފަދައިން އަޅުގަނޑުމެންގެ ޤައުމުގައި ތިބި އެކި އެކި ޚިދުމަތްތެރިންގެ އިންޓަރވިއުތައް ނެގުން، އެބޭބުޅުންގެ ހަޔާތާއި ޚިދުމަތްތައް ދިރާސާކުރުން، މިއީ އަޅުގަނޑުމެން ކުރަން ވެއްޖެ ކަމެއް" އިކްރާމް ވިދާޅުވިއެވެ.

މިފަދަ ވާހަކަތައް އަންނަންއޮތް ޖީލުތަކަށް ފެންނާނެގޮތަށް ގެނެސްދިނުމަކީ، ދިވެހި ޢުންމަތް ބިނާކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރުމަށް މުހިންމު ކަމެއްކަމަށް އިކްރާމް ވިދާޅުވިއެވެ.

"ބަޔަކަށް މަގެއް ދެއްކުމަށްޓަކައި، ބަޔަކަށް ކަމެއް އުނގަންނައިދިނުމަށްޓަކައި އެންމެ މުހިންމު އެއްޗަކީ ކުރީގެ މީހުންގެ ކަންކަން ހިނގައި ދިޔަ ގޮތުގެ ވާހަކައޭ. މިވާހަކަތަކަށް ދިވެހިބަހުން ގެނެވިގެން ނޫނީ، އަޅުގަނޑުމެން ދިވެހި ޢުންމަތް ބިނާކުރުމަށްޓަކައި، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަސައްކަތް ކާމިޔާބެއް ނުވާނެ"އިކްރާމް ވިދާޅުވިއެވެ.މި މަސައްކަތަކީ ދިވެހި ތާރީޚާ ގުޅިފައިވާ މުހިންމު މަސައްކަތެއްކަމުން، މި މަސައްކަތް ކުރުމުގައި ދިވެހިބަހުގެ އެކެޑަމީގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންފުޅުވާނެކަން އިކްރާމް ފާހަގަކުރެއްވިއެވެ.