ދުނިޔެ

ސޫރިޔާގައި ތިބޭ ރަޝިޔާ ސިފައިންގެ ޢަދަދު މަދުކުރަނީ


ސޫރިޔާގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިންގެ އަދަދު މަދުކުރުމާމެދު ވިސްނަމުންދާކަން ރަޝިޔާއިން ހާމަކޮށްފިއެވެ.

މޮސްކޯގައި ދެއްވި ބަޔާނެއްގައި ރަޝިޔާ ސިފައިންގެ ޗީފް އޮފް ސްޓާފް، ޖެނެރަލް ވެލަރީ ގްރަސިމޯފް ވިދާޅުވީ، ސޫރިޔާގައި ހަރަކާތްތެރިވި ހަރުކަށި ޖަމާއަތްތައް ބަލިކަށިވެއްޖެ ކަމަށާއި، ސޫރިޔާގެ ހަނގުރާމަވެސް ނިމުމުގެ މަގުމަތީގައިވާކަމަށެވެ.

އެހެންކަމުން ސޫރިޔާގައި ތިބި ރަޝިޔާ ސިފައިންގެ ޢަދަދު މަދުކުރުމަކީ ސްޓްރެޓީޖިކް ގޮތުން މައްސަލައެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށް ޖެނެރަލް ގްރަސިމޯފް ވިދާޅުވިއެވެ.

ސޫރިޔާގައި ތިބެނީ ރަޝިޔާގެ ވައިގެ ސިފައިންނާއި އަސްކަރީ މުސްތަޝާރުންނާއި އަސްކަރީ ފަންނީ ތަޖުރިބާކާރުންނެވެ. އެ މީހުންގެ ޢަދަދު ރަޝިޔާއިންވެސް އަދި ސޫރިޔާއިންވެސް ހާމަކޮށްފައެއް ނުވެއެވެ.

ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތައް ބަލިކަށިވެ، ސޫރިޔާ ހަނގުރާމައިގެ ކުޅިފަސް ސޫރިޔާ ސިފައިންނަށް ލިބުނީ ރަޝިޔާގެ ގަދަފަދަ ވައިގެ ހަމަލާތަކުގެ ސަބަބުންކަމަށް އަސްކަރީ ތަޖުރިބާކާރުން ދެކެއެވެ.

ސޫރިޔާއިން ރަޝިޔާ ސިފައިންގެ ޢަދަދު މަދުކުރުމުގެ ކުރިން ކަމާބެހޭ ދިރާސާއެއް ހަދާނެކަމަށް ރަޝިޔާގެ އަސްކަރީ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.