ދުނިޔެ

އަފްޣާނިސްތާނުގައި އައި.އެސް.ގެ ނުފޫޒު އިތުރުވަމުންދަނީ


އަފްޣާނިސްތާނުގައި އައިއެސް ޖަމާއަތް ވަރުގަދަވަމުންދާކަމުގެ އިންޒާރު އެ ޤައުމުގެ މަސްއޫލުވެރިން ދެއްވައިފިއެވެ. އަފްޣާން މަސްއޫލުވެރިން ވިދާޅުވީ އަފްޣާން ޒުވާނުންގެ މެދުގައި އައިއެސް ޖަމާއަތުގެ ފިކުރު ފެތުރެމުންދާތީ ކަންބޮޑުވާކަމަށާއި  މެދުއިރުމަތީގައި އައިއެސް ބަލިކަށިވަމުން ދިޔަނަމަވެސް އަފްޣާނިސްތާނުގައި އެ ޖަމާއަތުގެ ނުރައްކާތެރި ފިކުރު ފެތުރެމުންދާކަމަށެވެ.

އަފްޣާން މަސްއޫލުވެރިން މިހެން ވިދާޅުވީ އެ ޤައުމުގެ ނަންގަހާރުގައި އައިއެސް އަށް ނިސްބަތްވާ ވާދަވެރި ދެ ބައަކު ބަދަލުކުރި ހަމަލާތަކެއްގައި ހައްޔަރުކުރި މީހުން، ދެފަރާތުންވެސް ޤަތުލުކޮށް، ލޭއޮހޮރުވުން ހިންގުމާ ގުޅިގެންނެވެ. ބުރާސްފަތި ދުވަހު، ނަންގަހާރު ސިޓީގައި މީހަކު އަމިއްލައަށް މަރުވެގެންދިން ހަމަލާ އެއްގައި އާންމުންގެ އަށްމީހުން މަރުވެ އެތަށް ބަޔަކުވަނީ ޒަޚަމްވެފައެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް މިއީ އައިއެސްއިން އަފްޣާނިސްތާނުގައި ހިންގާ ޓެރަރިސްޓް ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެއްކަމަށް ބެލެވޭކަމަށް އަފްޣާން މަސްއޫލުވެރިން ވިދާޅުވެއެވެ.