ދުނިޔެ

ސޫރިޔާގައި އިންސާނީ ޙައްޤުތަކަށް އަރައިގަންނަ މިންވަރު އިތުރު- އދ


ސޫރިޔާގައި އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ މިންވަރު އަދިވެސް ދަނީ އިތުރުވަމުންކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓޭރޭޝް ވިދާޅުވެއްޖެއެވެ.

ސޫރިޔާގެ ހާލަތާބެހޭގޮތުން އދގެ ސަލާމަތީ މަޖިލީހަށް ފޮނުއްވި ރިޕޯޓެއްގައި ގުޓޭރޭޝް ވިދާޅުވީ، ސޫރިޔާގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދޭ ހަމަލާތަކުގައި މަރުވަމުންދާ މީހުންގެ ޢަދަދު އަދިވެސް ދަނީ އިތުރުވަމުން ކަމަށާއި، ހަނގުރާމައިގެ ހަމަލާތައް އަމާޒުކުރާ ތަންތަނުގެ ތެރޭގައި ޢާންމުންގެ ގެދޮރާއި މަދަނީ މުއައްސަސާތަކާއި ހޮސްޕިޓާތަކާއި ސްކޫލްތައް ހިމެނޭކަމަށެވެ.

ސޫރިޔާގެ ހަނގުރާމައިގާ ޝާމިލުވާ ހުރިހާ ފަރާތްތަކުންވެސް އާންމުންނަށް ހަމަލާ ދޭކަމަށް ގުޓޭރޭޝް ތުހުމަތު ކުރެއްވިއެވެ.

އެ ހުރިހާ ފަރާތްތަކަށް ގުޓޭރޭޝް ގޮވާލެއްވީ، އިންސާނީ ޙައްޤުތަކާބެހޭ ޤާނޫތަކަށް އިޙުތިރާމު ކުރުމަށާއި ސޫރިޔާގެ ރައްޔިތުންގެ ފުރާނައަށް ރައްކާތެރިވުމަށެވެ. ގުޓޭރޭޝް ސަލާމަތީ މަޖިލީހަށް ފޮނުއްވި ރިޕޯޓުގައި ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތަކުގެ މައްސަލަ ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓަށް ހުށަހެޅުމަށާއި އެ ފަރާތްތަކުގެ މައްޗަށް ޝަރީޢަތް ހިންގޭނެ މަގު ފަހިކުރުމަށް އެ މަޖިލީހުގެ ކިބައިން އެދިވަޑައިގެންފައިވެއެވެ.