ޚަބަރު

ރަންނަމާރި ހަންޓް ތަމްރީނުތައް ބާއްވައިފި


ކުއްލި ޙާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި ގުޅޭ ހާއްސަ ތަމްރީނުތަކެއް ސިފައިން ކުރިޔަށް ގެންގޮސްފިއެވެ. ރަންނަމާރި ހަންޓްގެ ނަމުގައި ކުރިއަށްގެންދިޔަ މި ތަމްރީނުތަކުގައި ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްޙީ ފަރުވާދޭ ހޮސްޕިޓަލްތަކުންވެސް ބައިވެރިވެފައިވެއެވެ.

ރަންނަމާރި ހަންޓަކީ ކޮންމެ އަހަރަކު އެއްފަހަރު އެމްއެންޑީއެފުން ބާއްވަމުން އަންނަ ތަމްރީނުތަކެކެވެ. ކާރިސާތަކުގައި ކަމާއި ގުޅުން ހުރި ދާއިރާތަކުން އަމަލު ކުރަންޖެހޭނެ ގޮތްތައް މި ތަމްރީނުތަކުގައި ކިޔާދެއެވެ. 

ހަތަރު ދުވަހަށް ކުރިއަށް ގެންދާ މި ތަމްރީނުތަކުގައި ސިފައިންގެ ހުރިހާ ޑިޕާޓްމަންޓްތަކުންވެސް ބައިވެރިވެއެވެ. މި ތަމްރީނުތަކުގައި ނުރައްކާތެރި ގޮވާޒާތުގެ އެއްޗެއް ގޮވައިގެން އުޅޭ ހާލަތެއްގައި ޢަމަލުކުރާނެ ގޮތް ކިޔާދީފައިވެއެވެ. އެގޮތުުން އެފަދަ މަޢުލޫމާތެއް ލިބުމާއިއެކު އިމާރާތްތަކުގައި ދިރިއުޅޭ އާއްމުން ރައްކާތެރި ހިސާބުތަކަށް ގެންދާނެ ގޮތްތަކާއި ޒަހަމްވާ މީހުންނަށް ފަރުވާދޭނެ ގޮތާއި ކުއްލި ޙާލަތުގައި ސިއްޙީ ފަރުވާ ދޭނެ ގޮތްތައްވެސް މި ތަމްރީނުތަކުގައި ކިޔާދީފައިވެއެވެ. 

އެންމެންޑީއެފްގެ މާލޭ އޭރިއާގެ ކޮމާންޑަރ ކާނަލް އަބްދުލް ރައޫފް ވިދާޅުވީ މިފަދަ ތަމްރީނުތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މިފަދަ ޙާލަތަކަށް އިދާރާތައް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުންކަމަށެވެ.

"މިކަން ކުރަނީ އެމްއެންޑީއެފްގެ ހަރަކާތްތައްވެސް އަދި ސިއްޙީ ފަރުވާދޭ ފަރާތްތައްވެސް ވަރަށް ބޮޑަށް މޮނިޓަރ ކުރެވިގެން. އޭގެ ސަބަބުން މައްސަލަތައް ހުރި ދާއިރާތައް ދެނެގަނެ އިތުރަށް އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިނގިގެންދޭ. މި އެކްސަސައިޒް ނިމުމުން ބައިވެރިންނާއި ބައްދަލުކޮށް އިތުރަށް ހަރުދަނާކުރަންވީ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކޮށް މަޢުލޫމާތުދެވޭނެ." ކާނަލް އަބްރުއް ރައޫފް ވިދާޅުވިއެވެ.

މި ހަރަކާތުގައި އެމްއެންޑީއެފާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އައިޖީއެމްއެޗާއި، އޭޑީކޭގެ އިތުރުން ސެނަހިޔާއިން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތް މާލޭގެ އިތުރުން އަތޮޅުތެރޭގައި ހުންނަ އެމްއެންޑީއެފްގެ ހަތަރު އޭރިއާ ކޮމާންޑްގައިވެސް ކުރިއަށްދާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.