ޚަބަރު

ލަންޑަނަށް ދާ ދިވެހިންނަށް އިލެކްޓްރޯނިކް ސާމާނު ގެންދެވޭނެ


ރާއްޖެއިން އިނގިރޭސިވިލާތައް ދަތުރުކުރާ ފަސިންޖަރުންނަށް ކެބިން ބެގޭޖުގައި އިލެކްޓްރޯނިކް ސާމާނު ގެންދެވޭގޮތަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖެއިން އިގިރޭސިވިލާތައް ބްރިޓިޝް އެއަރވޭސްގައި ދަތުރުކުރާ ފަސިންޖަރުންނަށް ކެބިން ބެގޭޖުގައި އިލެކްޓްރޯނިކް ސާމާނު ނުގެން ދެވޭގޮތައް އޮތް އޮތުން، އެ އެއަރލައިނުން ނިމުމަށް ގެނެސްފައިވަނީ އިއްޔެކަމަށެވެ.

އެމްއެންޑީއެފުން ބުނީ އިނގިރޭސިވިލާތައް ދަތުރުކުރާ ފަސިންޖަރުންނަށް އިލެކްޓްރޯނިކް ސާމާނު ގެންދިޔުމުގެ ހުއްދަ ދޭން އެއަރލައިނުން ނިންމީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ރައްކާތެރިކަން ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އަދި އެވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުން މި ދާއިރާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތައްޔާރުވެފައިވާ މިންވަރުވެސް އެއަރލައިނުން ބަލާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓުގައި އެކްސްޕޮލޯސިވް ޓްރޭސް ޑިޓެކްޓަރސް ބޭނުން ކުރުމަށް ނިންމާ އެ މަސައްކަތް ފެށުމަކީ އެއަރޕޯރޓްގެ ރައްކާތެރިކަމަށްޓަކާ އެޅުނު މުހިއްމު ފިޔަވަޅެއްކަމަށާ އެކަމުގެ ސަބަބުން އެއަރޕޯރޓްގެ ރައްކާތެރިކަން އިތުރަށް ހަރުދަނާ ވެގެން ދިޔަކަމަށް ބްރިޓިޝް އެއަރވޭސްއިން ދެކޭކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި މިކަންކަމުގައި މޯލްޑިވްސް އެއަރޕޯރޓްސް ކޮންޕެނީ ލިމިޓެޑުން ދެމުންގެންދާ އަހައްމިއްޔަތާ އެއްބާރުލުންވެސް އެ އަރލައިނުން ފާހަގަ ކޮށްފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ދުނިޔޭގެ ސެކިއުރިޓީ ވެށްޓަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދިވެހި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާ އެކަން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ޢިއުލާން ކުރެއްވީ މި ނިމިގެން ދިޔަ މަހުގެ ތެރޭގައެވެ.