ދުނިޔެ

ސޯޗީ ކޮންގްރެސް ބާއްވަން 3 ޤައުމުން އެއްބަސްވެއްޖެ


2011 ވަނަ އަހަރުން ފެށިގެން ސޫރިޔާގައި ކުރަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ މަޤްސަދުގައި ސޫރިޔާގެ ސަރުކާރާ އިދިކޮޅު ފަރާތްތައް ބައިވެރިވާ ކޮންގްރެސްއެއް އިންތިޒާމު ކުރުމަށް ރަޝިޔާ، އީރާނު އަދި ތުރުކީވިލާތުން އެއްބަސްވެއްޖެއެވެ. މި ތިން ޤައުމުން މިކަމަށް އެއްބަސްވެފައިވަނީ، ރަޝިޔާގައި އެ ޤައުމުގެ ރައީސް ވްލަޑްމީރް ޕުޓިން އާއި ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާން އަދި އީރާނުގެ ރައީސް ހަސަން ރޫޙާނީ ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުގައެވެ.

ރަޝިޔާގެ ރިޒޯޓް ރަށެއް ކަމަށްވާ ސޯޗީގައި އެގައުމުގެ ރައީސް ވްލަޑްމީރް ޕުޓިން ތުރުކީވިލާތާއި އީރާނުގެ ރައީސުންނާ ބައްދަލުކުރައްވާފައި މިވަނީ މީގެ ދެތިން ދުވަސް ކުރިން، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ހަމަ އެރަށުގައި ބައްދަލުކުރެއްވުމަށްފަހުގައެވެ. އަސަދާ އެކު ޕުޓިން ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ 2011 ވަނަ އަހަރުން ފެށިގެން ސޫރިޔާގައި ކުރަމުން އަންނަ ދާޚިލީ ހަނގުރާމައަށް އަސްކަރީ ހައްލެއް ހޯދުމުގެ ބަދަލުގައި ސިޔާސީ ހައްލެއް ހޯދަންވީ ވަގުތު ޖެހިއްޖެ ކަމަށާއި މިކަމުގައި ސޫރިޔާގެ ސަރުކާރުގެ އެހީ ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ސޯޗީގައި ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާނާއި އީރާނުގެ ރައީސް ހަސަން ރޫޙާނީ ބައްދަލުކުރެއްވުމަށް ފަހު ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސޫރިޔާގެ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް، އެ ޤައުމުގެ ރައްޔިތުން ތަމްސީލުވެގެންދާނެ ފަދަ ކޮންގްރެސްއެއް ބޭއްވުމަށް މި ޤައުމުތަކުން އެއްބަސްވެފައިވާ ކަމަށެވެ.

މި ކޮންގްރެސް ބާއްވާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައި ނުވާނަމަވެސް މި ކޮންގްރެސް އޮންނާނީ ރަޝިޔާގެ ސޯޗީގައި ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. ރަޝިޔާ، އީރާނު އަދި ތުރުކީވިލާތުގެ ރައީސުން ވަނީ މި ކޮންގްރެސްއަށް އެއްބާރުލުންދީ، މި ކަމުގައި ބައިވެރިވުމަށް ސޫރިޔާގެ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، މި ކޮންގްރެސްގެ ބޭނުމަކީ ސޫރިޔާގެ ޤައުމީ އެޖެންޑާގައި ހިމެނޭ މުހިއްމު ސުވާލުތަކަށް ޖަވާބު ހޯދުން ކަމަށް، ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވިއެވެ.  މި ގޮތުން ކުރިއަށް އޮތްތަނުގައި ސޫރިޔާގައި އެކުލަވާލާނެ ދައުލަތެއްގެ އޮނިގަނޑު މި ކޮންގްރެސް މެދުވެރިކޮށް ރޭވިގެންދާނެ ކަމަށާއި، ސޫރިޔާގެ ޤާނޫނު އަސާސީއެއް އެކުލަވާލައި އދގެ ބެލުމުގެ ދަށުން އެ ޤައުމުގައި އިންތިޚާބެއް ބޭއްވުން ފަދަ ކަންކަން އިންތިޒާމުކުރުމަށް މި ކޮންގްރެސް ބާރު އަޅާނެކަމަށް ވެސް ރަޝިޔާގެ ރައީސް ވިދާޅުވިއެވެ. ރަޝިޔާއިން އިސްވެ ބާއްވާ މި ކޮންގްރެސްއަށް ސޫރިޔާ، އީރާނު އަދި ތުރުކީވިލާތުގެ އިތުރުން ދަޢުވަތު ދޭނެ އެހެން ފަރާތެއް، ރަޝިޔާއިން އަދި އިއުލާނުކޮށްފައެއް ނުވެއެވެ. ސޫރިޔާގެ ހަނގުރާމައިގައި މިހާރު ހަތް ވަނަ އަހަރު ގުނަމުންދާއިރު މި ހަނގުރާމައިގައި މިހާތަނަށް 300،000އަށްވުރެ ގިނަ މީހުން މަރުވެ 11،000،000 މީހުން ވަނީ ހާލުގައި ޖެހިފައެވެ.