ޚަބަރު

ރަސްމީ ލިޔުންތަކުގައި ޖުމްހޫރީ ފަންސާސް ލޯގޯ ބޭނުންކުރަން ފަށަނީ


2018 ވަނަ އަހަރަކީ، ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ އަހަރުކަމަށް ވުމާއެކު، ޖުމްހޫރީ ފަންސާހުގެ ޙަރަކާތްތަކުގައި ބޭނުންކުރެއްވުމަށްޓަކައި ކަނޑައަޅުއްވާފައިވާ ލޯގޯ، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހަމަޖައްސަވައިފިއެވެ.

އެގޮތުން އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ކުރިއަށް އޮތް އަހަރުދުވަހުގެ ތެރޭގައި، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި، ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މަޢުލޫމާތު، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ސަރުކާރުގެ އޮފީސްތަކަށް ދެއްވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.