ތަޢުލީމު

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ނިމިއްޖެ


މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ނިމި ސްކޫލް ކުދިންނަށް ރިޕޯޓްފޯމްދޫކޮށްފިއެވެ.

މިއަހަރުގެ ދިރާސި އަހަރުގެ ކިޔެވުން ނިމުނުއިރު ތަޢުލީމީ ދާއިރާއިން ރާއްޖެވަނީ ގިނަ ކާމިޔާބުތަކެއް ހޯދާފައެވެ.

އެގޮތުން ޘާނަވީ ތަޢުލީމް ނިންމި ދަރިވަރުންގެ ތެރެއިން 79 އިންސައްތަ ދަރިވަރުން ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން ދަސްވާރު، ބީޓެކް ފަދަ ޕްރޮގްރާމްތަކުންވެސް ދަރިވަރުން ފާހަގަކޮށްލެވޭ ނަތީޖާތަކެއް ހޯދާފައިވެއެވެ.

މިއަހަރު އަށްޑިހަ އެއް ހާހަށްވުރެ ގިނަ ދަރިވަރުން ރާއްޖޭގެ އެކި ސްކޫލްތަކުން ތަޢުލީމް ޙާސިލް ކޮށްފައިވެއެވެ. މި ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަތްހާހަށްވުރެ ގިނަ ޓީޗަރުން ހަރަކާތްތެރިވެފައިވެއެވެ.

މިއަހަރު ރާއްޖޭގެ 239 ސްކޫލެއްގައި ތަޢުލީމް ފޯރުކޮށްދީފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުގެ 212 ސްކޫލަކާއި، އަމިއްލަ ފަރާތްތަކުން ހިންގާ 23 ސްކޫލެއްގެ އިތުރުން ކޮމިއުނިޓީ 4 ސްކޫލެއް ހިމެނެއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާ ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން، އެންމެ ކުއްޖަކުވެސް ބާކީ ނުކުރުމުގެ ސިޔާސަތެއް އެކުލަވާލާ، ސަރުކާރުން ވަނީ ފަށާ ތަޢުލީމާއި، ޘާނަވީ ތަޢުލީމު އަދި މަތީ ޘާނަވީ ތަޢުލީމެކޭ އެއްފަދައިން، ޕްރީސްކޫލް ތަޢުލީމަކީވެސް ސަރުކާރުން ހިލޭ ދޭ ރަސްމީ ތަޢުލީމުގެ ބައެއްގެ ގޮތުގައި ހިމަނާފައެވެ.

މީގެ އިތުރުން އާބާދީ މަދު ސްކޫލްތަކުގައި ރަނގަޅު ފެންވަރެއްގައި ދަރިވަރުންނަށް މަންފާ ކުރަނިވި ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި 44 ރަށެއްގައި މަލްޓި ގްރޭޑް ޓީޗިން ތަޢާރަފް ކޮށްފައިވާއިރު، އަންނަ އަހަރު އިތުރު ސްކޫލްތަކެއްގައި މަލްޓި ގްރޭޑް ޓީޗިން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ޓީޗަރުން ޑިޤްރީ ފެންވަރަށް ތަމްރީންކުރުމުގެ މަސައްކަތްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަހަރު ފަށާފައެވެ. އަދި ދިވެހި ޞަޤާފަތާއި ދީނީ ކަންތައްތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށް "ތަރިކަ" މަޝްރޫޢުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީނަ ވަނީ މުހިންމު މަސައްކަތްތަކެއް ފަށާފައެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދީފައިވާއިރު، ތަޢުލީމީ ދާއިރާއަށް ބޮޑެތި އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުންވަނީ 154 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. މި ބަދަލުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލްތައް ޑިޖިޓަލައިޒްކުރުމާއި، ދަރިވަރުން ބޭނުންކުރާ ޓެކްސް ފޮތްތަކުގެ ބަދަލުގައި ގްރޭޑް އެކަކުން ފެށިގެން ބާރައިގެ ދަރިވަރުންނަށް ޓެބްލެޓް ދިނުން ހިމެނެއެވެ.

އަންނަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އެންމެ ހައި ސްޕީޑް އިންޓަރނެޓް ލިބޭނެ އިންތިޒާމް ޤާއިމުކޮށް ރާއްޖޭގެ ހުރިހާ ސްކޫލެއް އެއް ވިއުގައަކުން ގުޅުވާލުމަށްވެސް ވަނީ ނިންމާފައެވެ. އަދި ސްކޫލްތަކުގައި ވައިފައި ލިބޭނެ އިންތިޒާމުތައް ހަމަޖައްސާ ދަރިވަރުންނާއި މުދައްރިސުންނަށް އޮންލައިންކޮށް، ދުނިޔޭގެ މަޝްހޫރު ޢިލްމީ ލައިބްރަރީތަކަށް ވަދެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނާ ޢިލްމީ ބަހުސްތައް ކުރެވޭނެ އިންތިޒާމްވެސް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މަތީ ތަޢުލީމުގެ ފުރުޞަތުތަކަށް އަންނަ އަހަރުގެ ބަޖެޓްގައި 210 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

އަންނަ އަހަރު ޓީޗަރުން ސްކޫލަށް ރިޕޯޓް ކުރަންޖެހޭނީ 9 ޖަނަވަރީގައެވެ. ދިރާސީ އައު އަހަރު ފެށޭނީ 14 ޖަނަވަރީ ގައެވެ.