ތަޢުލީމު

ރާއްޖޭގެ ކުރިއެރުމަށް ބީޓެކް ޕްރޮގްރާމް މުހިއްމު - ރޮޑް


ބީޓެކް ޕްރޮގްރާމްއަކީ ތަޢުލީމާއި އެކު ޢަމަލީ މަސައްކަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ޕްރޮގްރާމެއްކަމަށާއި އިޤްތިޞާދީގޮތުން ރާއްޖޭގެ ކުރިއެރުމަށް ބީޓެކް ޕްރޮގްރާމް މުހިއްމު ދައުރެއް އަދާކުރާނެކަމަށް ޕިއަރސަންގެ ރައީސް ރޮޑް ބްރިސްޓޯވް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި ކުރިއަށް ގެންދާ ބީޓެކް ޕްރޮގްރާމްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުންނެވެ.

ބީޓެކް ޕްރޮގްރާމް ހިންގާ ޕިއަރސަން ކުންފުނީގެ ރައީސް ރޮޑް ބްރިސްޓޯވް ރައްޖެއަށް ކުރައްވާ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ކ.މާފުށީގައި ތިބި ބީޓެކް ޕްރޮގްރާމް ހަދަމުންދާ ދަރިވަރުންނާއި ބައްދަލުކުރެއްވުމަށެވެ. އެއަށްފަހު ޖަމާލުއްދީން ސްކޫލާއި މެޕްސް އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނާ ރޮޑް ވަނީ ބައްދަލުކުރައްވާފައެވެ. ޖަމާލުއްދީންނާއި މެޕްސް އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނާ ބައްދަލުކޮށް ބީޓެކާއި ބެހޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ރޮޑް އާއި އޭނާގެ ޓީމުން ޖަވާބުދެއްވިއެވެ. އަދި މިދާއިރާއިން އިތުރަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން ދަރިވަރުންނަށް މަޢުލޫމާތުދެއްވިއެވެ. ދަތުރުުފުޅާއިބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޕިއަރސެންގެ ރައީސް ރޮޑް ބްރިސްޓޯވް ވިދާޅުވީ ދިރާސާތަކުން ދައްކާގޮތުގައި ބީޓެކް ހަދާ ދަރިވަރުންގެ ހުނަރާއި ޤާބިލުކަން އެހެންކުދިންނާ ބަލާއިރު ރަނގަޅުކަމަށެވެ. އަދި ރާއްޖޭގައި ބީޓެކް ޕްރޮގްރަމަށް ލިބެމުންދާ ތަރުހީބު ފަހަގަކުރެއްވިއެވެ. 

"ބީޓެކް ޕްރޮގްރާމްއަކީ ޕްރެކްޓިކަލް އާއި އެކަޑަމިކް ބައި ހިމެނޭ ޕްރޮގްރާމެއް. ދުނިޔޭގެ އިޤްތިޞާދަށާއި ވަޒީފާ ދޭ ފަރާތްތަކަށް ބޭނުންވަނީ ހަމައެކަނި ކަންކަން އިނގޭ މީހުނެއް ނޫން. އޭގެ ބަދަލުގައި ކަންކަންކުރާ މީހުން ބޭނުންވަނީ. ބީޓެކް އަކީ މިދެކަންތައްވެސް ހިމެނޭ ޕްރޮގްރާމަކަށްވުމުން ދުނިޔެގެ ގިނަ ޤައުމުތަކުގައި މިޕްރޮގްރާމްދަނީ ތަރުހީބު އިތުރުވެ ފުޅާވަމުން." ރޮޑް ބްރިސްޓޯވް ވިދާޅުވިއެވެ. 

ބީޓެކް އަކީ 1920 ވަނަ އަހަރު އިގިރޭސިވިލާތުގައި ފެށި ޕްރޮގްރާމެކެވެ. އަދި އިގިރޭސިވިލާތުގެ ޔުނިވަރސިޓީގައި ކިޔަވާ ކޮންމެ 4 ކުއްޖެއްގެ ތެރެއިން އެއްކުއްޖަކީ ބީޓެކްގެ ދަރިވަރެއްކެވެ. ބީޓެކްގެ ދަރިވަރުންނާއި ބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމްނިއުސް އަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން އޮފިސަރ ޒޫޝާން ކަމާލުއްދީން ވިދާޅުވީ ބީޓެކް ޕްރޮގްރާމަކީ ޕިއަރސެންގެ ޕްރޮގްރާމަކަށް ވެފަ އެފަރާތުން ރާއްޖޭގެ ޙާލަތު ބެއްލެވުމަކީ މިދާއިރާއަށް ލިބޭ ބޮޑު ހިތްވަރެއްކަމަށެވެ.

"ބީޓެކް ޕްރޮގްރާމާދެތެރޭ އަޅުގަނޑުމެންގެ ޕަބްލިކް ދެކޭގޮތް އަދިވެސް ރަނގަޅުކުރަމުން މިދަނީ، ރަނގަޅުވެސް ވޭ. މިފަދަ ފުރުސަތުތަކުގެ ސަބަބުން މީހުންގެ ނަޒަރިއްޔާތު ޕްރޮގްރާމާ ދޭތެރޭ ދެކޭގޮތާއި ބެހޭގޮތުން ސުވާލުކޮށް ދަރިވަރުންނަށް މަޢުލޫމާތުލިބިއްޖެ." ޒޫޝާން ކަމާލުއްދީން ވިދާޅުވިއެވެ.

ބީޓެކް ޕްރޮގްރާމަކީ ވަރަށް ކާމިޔާބުކަމާއެކު ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.