ޚަބަރު

ކެއަރ ސޮސައިޓީގެ 23 ދަރިވަރުން ދަސްވެނިވުން


ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމާއި ހުނަރު ދަސްކޮށްދިނުމަށް ކެއަރ ސޮސައިޓީގެ ފަރާތުން ހިންގާ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގެ 23 ދަރިވަރަކު ދަސްވެނިވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ޕްރައިމެރީއިން، ގްރޭޑް އެކަކަށް ގްރެޖުއޭޓްވި 5 ދަރިވަރުންނާއި، ކުދިންނަށް ކަނޑައަޅާފައިވާ ޓާރގެޓްތައް ފުރިހަމަކޮށްގެން ގްރެޖުއޭޓްވި 17 ދަރިވަރުންނެވެ.

ކެއަރސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރ ނައުޝާން މުހައިމިން ވިދާޅުވީ ކެއަރ ސޮސައިޓީއިން އެންމެ އިސްކަމެއްދެނީ އެފަދަ ކުދިންގެ ހުނަރުތައް ދެނެގަނެ އެ ހުނަރުތައް ތަރައްޤީކުރަންކަމަށެވެ. އެގޮތުން އެއް ފަހަރާ ގިނަ މާއްދާތައް ކިޔަވައިދިނުމުގެ ބަދަލުގައި އެ ދަރިވަރަކަށް ފަސޭހައިން ނަގައިގަނެވޭ މާއްދާތައް ކިޔައިވައިދެމުންދާކަމަށް ނައުޝާން ވިދާޅުވިއެވެ.

ކެއަރ ސޮސައިޓީން ދަނީ ކުދިންނަށް ދިރިއުޅުމުގެ ހުނަރުތައްވެސް ދަސްކޮށްދެމުންނެވެ. އެގޮތުން އާއްމު ދިރިއުޅުމުގައި ކުރާ ކުދިކުދި މަސައްކަތްތައް އެހެން މީހަކަށް ބަރޯސާނުވެ އަމިއްލައަށް ކުރާނެ ގޮތް ދަރިވަރުންނަށް ދަސްކޮށްދެމުންދާކަަމަށްވެސް ނައުޝާން ވިދާޅުވިއެވެ.

ކެއަރ ސޮސައިޓީން މިއަހަރު ވަނީ ޖުމްލަ 42 ދަރިވަރުން ތަޢުލީމު ޙާސިލްކޮށްފައެވެ. ކެއަރ ސޮސައިޓީން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ދޭން ފަށާފައިވަނީ 2001 ވަނަ އަހަރުއެވެ.