ޚަބަރު

ތިނަދުއާމެދު ބެހެއްޓި ޚާއްޞަކަމުގެ އަގު ވަޒަންކުރަންޖެހޭ - ނިހާން


ގދ.އަތޮޅުގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚާއްޞަ އިސްކަމުގެ އަގު އެއަތޮޅުގެ ރައްޔިތުން ވަޒަން ކުރަންޖެހޭކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހަ "ރުމާލު 2"ގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ، ސަރުކާރުން ރާއްޖެ ތަރައްޤީކުރަމުންދަނީ އެއްވެސް އަތޮޅެއް ނުވަތަ ރަށެއް ބާކީ ނުކޮށްކަމަށެވެ. ޚާއްޞަ ގޮތެއްގައި ގދ.އަތޮޅާއި، ތިނަދޫގެ ތަރައްޤީއަށް ރައީސް ޔާމީންގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވިކަމަށް ވިދާޅުވެ، ރައްޔިތުން އޭގެ އަގުވަޒަން ކުރަންޖެހޭކަމަށް ނިހާން ވިދާޅުވިއެވެ. ސަރުކާރުން ތިނަދޫގެ ތަރައްޤީއަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށާއި، އަންނައަހަރުވެސް ގދ.އަތޮޅަށް އެކަނިވެސް ބިލިއަނެއްހާ ރުފިޔާ ބަޖެޓްގައި ހިމަނާފައިވާކަމަށް ނިހާން ވިދާޅުވި.

ތިނަދޫގެ ތަރައްޤީއަށް ރައީސް ޔާމީންގެ އަމިއްލަފުޅު އިސްނެންގެވުމަށް ޚާއްޞަ އިސްކަމެއް ދެއްވައި ތިނަދޫގައި މީގެ ކުރިން ހިންގާފައި ނުވާހާގިނަ ތަރައްޤީގެ މަޝްރޫޢުތައް އެއްފަހަރާ ކުރިއަށްގެންދަނިކޮށް، ތިނަދޫއަށް ނިސްބަތްވާ ޕީޕީއެމްގެ 2 މެމްބަރުން ޕާޓީ ދޫކޮށްލެއްވުމަކީ ހިތާމަހުރި ކަމެއްގޮތުގައި ނިހާން ސިފަކުރެއްވިއެވެ. އަދި އެމެމްބަރުން ރައްޔިތުންނާމެދު އޮތް އިޚްލާސްތެރިކަމަކީ ކޮބައިތޯ ނިހާން ސުވާލުކުރެއްވިއެވެ. އަދި އެރަށާމެދު ރައީސް ޔާމީން ބެހެއްޓެވި ޚާއްޞަ ގާތްކަމުގެ އަގަކީ އެއީތޯ އޭނާ ސުވާލުކުރެއްވިއެވެ.

ނިހާންގެ އުފަން ރަށް، ތިނަދޫއަށް ސަރުކާރުގެ 4 އަހަރުގެ ތެރޭގައި ގެންނެވި ތަރައްޤީ ލިސްޓް ކުރައްވަމުން، ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގައި ތިނަދޫގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެފައިވަނީ ތިނަދޫގައި ސަރުކާރަށް އޮތް ތާއީދު އިދިކޮޅު ފަރާތްތަކަށް ދައްކާލާނެކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް ވަރުގަދަ ޓީމެއް މާދަމާ ދާނެ ތިނަދޫއަށް، އަޅުގަނޑުމެންނަށް ތިނަދޫގައި އޮތް ތާއީދު ދައްކާލާނަން. ހަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދޭނަން" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ވެރިކަން ކުރާ ޕީޕީއެމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނަށް ކެމްޕެއިން ކުރަމުންނެވެ.