ދުނިޔެ

ޒިންބާބުވޭގެ ރައީސް ރޮބަރޓް މުގާބޭ މަޤާމުން އިސްތިއުފާދެއްވައިިފި


ޒިންބާބުވޭގެ ރައީސް ރޮބަރޓް މުގާބޭ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ދެއްވުމުގެ ގޮތުން ޤައުމާ މުޚާތަބުކުރައްވާ ދެއްވި ޚިތާބު މުގާބޭގެ ފަރާތުން އިއްވެވީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޖޭކޮބް މުޑަންޑާއެވެ.

މުގާބޭގެ ޚިތާބުގައި ޒިންބާބުވޭގެ ޖުމްހޫރިއްޔާގެ ރައީސްކަމުގެ މަޤާމުން އިސްތިޤުފާ ދެއްވީ ހެޔޮ ހާލުގައި އަމިއްލަފުޅަށް ކަމަށާއި، އިސްތިޢުފާ ދެއްވީ ޤައުމާއި ރައްޔިތުންގެ ލާބައަށްކަމަށް ވިދާޅުވެފައިވެއެވެ. މަޤާމުން އިސްތިޢުފާ ދެއްވުމާއެކު ޒިންބާބުވޭގެ ދަސްތޫރާ އެއްގޮތަށް ސުލްޙަވެރިކަމާއެކު ވެރިކަން ނަގްލުކުރުމަށް މުގާބޭވަނީ އެދިވަޑައިގެންފައެވެ.

ޒިންބާބުވޭގެ ދަސްތޫރު ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން އިސްތިއުފާ ދެއްވުމުން ދެން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ ނާއިބު ރައީސްއެވެ. ޒިންބާބުވޭގައި ނާއިބު ރައީސަކު ނެތުމުން ވަގުތީ ގޮތުން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ ޤާނުނު ހަދާ މަޖިލީހުގައި އެކަމަށް ކަނޑައަޅާ ބޭފުޅެއްކަމަށް ވަނީ ބެލެވިފައެވެ.މިކަމާބެހޭގޮތުން ގޮތެއް ނިންމުމަށް ޒިންބާބުވޭގެ ޤާނުނު ހަދާ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިހާރު ކުރިއަށްއެބަދެއެވެ.

މުގާބޭ އަކީ އިނގިރޭސި އިސްތިޢުމާރުން ރޮޑީޝިޔާގެ ނަމުގައި ޒިންބާބުވޭގައި ހިންގި ނަސްލީ އިމްތިޔާޒުގެ ވެރިކަމާ ދެކޮޅަށް، މިނިވަންކަމަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އިނގިރޭސި އިސްތިޢުމާރުން ފޭރިގެންފައިވާ އެ ޤައުމުގެ ދަނޑުބިންތައް މުގާބޭގެ ވެރިކަމުގައިވަނީ އަލުން އަނބުރައި އެ ޤައުމުގެ ރައްޔިތުންނަށް ހޯއްދަވައި ދެއްވާފައެވެ. އެކަމުގެ ސަބަބުން ހުޅަނގުގެ ރުޅިވެރިކަން މުގާބޭއަށް އަމާޒުވެގެންދިޔައެވެ. ޒިންބާބުވޭގެ ރައީސްކަމާ މުގާބޭ ހަވާލުވެވަޑައިގެންނެވީ 1980 ވަނަ އަހަރުގައެވެ.