ދުނިޔެ

ރޮހިންޔާއިން ވަނީ ނަޞްލީ އިމްތިޔާޒުގެ ޝިކާރައަކަށްވެފައި


މިޔަންމާގެ ބައިމަދު ރޮހިންޔާ މުސްލިމުންނަކީ ތަފާތުކުރުމާއި ނަޞްލީ އިމްތިޔާޒުގެ ޝިކާރައަކަށް ވެފައިވާ ބައެއްކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފިއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެ ޖަމާޢަތުން ބުނީ، ރޮހިންޔާ މުސްލިމުންނާ މެދު މިޔަންމާ ސަރުކާރުން މުޢާމަލާތް ކުރަނީ ނަޞްލީ އިމްތިޔާޒުގެ އުސޫލުންކަމަށާއި އެ މީހުންނަށް ލިބެންޖެހޭ އިންސާނީ އަސާސީ ޙައްޤުތަކުން އެ މީހުން މަޙުރޫމު ކޮށްފައިވާކަމަށެވެ. ރޮހިންޔާ މުސްލިމުންގެ ހާލަތާ ބޭހޭގޮތުން އެމްނެސްޓީ އިންޓަނޭޝަނަލުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ދުނިޔޭގައި އެންމެ ދެރަ އަދި ނިކަމެތި ހާލުގައި އުޅެންޖެހިފައިވާ ބައިމަދު ޖަމާއަތްތަކުގެ ތެރޭގައި އެ މީހުން ހިމެނޭ ކަމަށެވެ. މި ގޮތުން ތަޢުލީމާއި ސިއްޙީ ޚިދުމަތްތަކާއި ދަތުރުފަތުރާއި ދީނީ ޝިޢާރު ފާޅުކުރުމާއި ރަށްވެރިކަމުގެ ޙައްޤުފަދަ އިންސާނީ، އަސާސީ ޙައްޤުތަކުން އެމީހުން މަޙްރޫމް ކޮށްފައިވާކަމަށް މިރިޕޯޓުގައިވެއެވެ.

ދެ އަހަރު ވަންދެން ކުރި ތަޙުޤީޤުތަކެއްގެ އަލީގައި ނެރުނު މި ރިޕޯޓުގައި ވާގޮތުން މިޔަންމާ ސަރުކާރުން ގެންދަނީ ރޮހިންޔާއިންނާ މެދު ގަސްދުގައި ތަފާތުކޮށް ނަޞްލީ އިމްތިޔާޒުގެ އަމަލުތައް ހިންގަމުންނެވެ.  އަދި މަލާމާތާއި ޖެއްސުންކުރުމުގެ އަމަލުތަކާއި ކޮންމެ ދުވަހަކު އެމީހުން ކުރިމަތިލާންޖެހޭ ކަމަށާއި، އެ މީހުންގެ އިންސާނީ ކަރާމާތަށްވެސް މިޔަންމާ ސަރުކާރުން އަރައިގެންފައިވާކަމަށް މިރިޕޯޓް ބުނެއެވެ.

މިޔަންމާގެ އިސް ސިޔާސީ ލީޑަރު އައުން ސާން ސޫޗީ ވަނީ، ރޮހިންޔާ ރެފިއުޖީން އަނބުރައި ރަކާން ސްޓޭޓަށް ގެންދިޔުމާ ބެހޭގޮތުން ބަންގްލަދޭޝްގެ އިސް ފަރާތްތަކާ މަޝްވަރާ ކުރަމުން ގެންދަވާކަން ހާމަކުރައްވާފައެވެ. މި ވާހަކަތައް ކާމިޔާބު ވެއްޖެނަމަ ރޮހިންޔާއިންނަށް ރަކާން ސްޓޭޓަށް އެނބުރި ދިޔުމުގެ ފުރުޞަތު ލިބޭނެކަމަށް ސޫޗީ ވަނީ ވިދާޅުވެފައެވެ.

މިޔަންމާގެ ރޮހިންޔާ މުސްލިމުންގެ އާބާދީ އެކެއް ޕޮއިންޓް އެކެއް މިލިޔަނަށް އަރައެވެ. އމިޔަންމާގެ ސަރުކާރުގެ އިތުރުން އެ ޤައުމުގެ އާންމުންވެސް ދެކެނީ އެއީ ޤަވައިދާ ޚިލާފަށް އެ ޤައުމަށް ހިޖުރަކޮށްގެން އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންކަމަށެވެ.  ނަމަވެސް ރޮހިންޔާ މުސްލިމުން މިޔަންމާގެ ރަކާން ސްޓޭޓްގައި ދިރުޅޭތާ 1000 އަހަރުވެފައިވާކަން ތާރީޚު ހެކިދެއެވެ.