ދުނިޔެ

ޖިއްދާގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެއްޖެ


ސައޫދީ އަރަބިޔާގެ އިޤުތިޞާދީ މައި މަރުކަޒުކަމުގައިވާ ޖިއްދާއަށް ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން ޖިއްދާއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންދާކަމަށާއި، އެ ކަމުގެ ސަބަބުން އެ ސިޓީގެ އެތައް ސަރަޙައްދެއްގައި ފެންބޮޑުވެ، އެއްގަމު ދަތުރު ފަތުރަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް، ސައޫދީ ޢަރަބިޔާގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް ޚަރީފު މޫސުން ނިމި ފިނި މޫސުން ފެށޭ ދުވަސްވަރު ސައޫދީ އަރަބިޔާއަށް ވިއްސާރަކުރެއެވެ. އަދި ފިނި މޫސުން ނިމި ރަބީޢު މޫސުން ފެށޭ ދުވަސްވަރުގައިވެސް އެ ޤައުމަށް ވިއްސާރަކުރެއެވެ.

މި ގޮތަށް ކުރާ ވިއްސާރައިގާ ފެންބޮޑުވާ ސިޓީތަކުގެ ތެރޭގައި ޖިއްދާ ހިމެނެއެވެ.

މޫސުމާބެހޭ ސައޫދީ އިދާރާއިން ބުނީ ކުރިޔަށްއޮތް ދެ ދުވަހުވެސް ޖިއްދާއަށާއި ސައޫދީ ޢަރަބިޔާގެ ހުޅަނގުގެ ސަރަހައްދުތަކަށް ވިއްސާރަ ކުރާނެކަމަށެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވާ ސަރަހައްދުތަކާ ދުރަށް ދިޔުމަށާއި، ފެންބޮޑުވުމުގެ ސަބަބުން ބައެއް ސަރަހައްދުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ މައްސަލަ ކުރިމަތިވެދާނެކަމަށް ބުނެ، ސައޫދީ މަދަނީ ދިފާޢާ ބެހޭ އިދާރާއިން ވަނީ އިންޒާރުދީފައެވެ.

ސައޫދީ އަށް ވިއްސާރަކުރަމުން މިދަނީ ހޫނުމޫސުމުގައި ވިއްސާރަ ނުކޮށް އެތަށް މަހެއް ފާއިތުވެގެން ދިޔުމަށްފަހުގައެވެ.