ތަޢުލީމު

ވިލާ ކޮލެޖުން އަންނަ އަހަރު މުޅިން އާ 4 ކޯހެއް ފަށަނީ

ވިލާ ކޮލެޖުން މުޅިން އަލަށް 4 ކޯހެއް ތަޢާރަފުކޮށް އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވަލައިފިއެވެ. ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކޯސްތައް ލޯންޗުކޮށްދެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރުއެވެ.

ވިލާ ކޮލެޖުން ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ ނަރސިންގ ކޯސް ހިމެނެއެވެ. ބެޗްލަރ އޮފް ނަރސިންގ ޕްރޮގްރާމަކީ ނަރސިންގެ ދާއިރާއިން ޑިޕްލޮމާ ޙާސިލުކޮށް ވަޒީފާ އަދާކުރަމުންދާ ނަރުހުންގެ ޢިލްމީ ޤާބިލުކަން އިތުރުކޮށް މަސައްކަތުގެ ހުނަރު ތަރައްޤީކުރުމަށް އަމާޒުކޮށްގެން ހިންގާ 2 އަހަރު ދުވަހު ޕްރޮގްރާމެކެވެ.

އަންނަ އަހަރު ވިލާ ކޮލެޖުން ފަށާ ކޯސްތަކުގެ ތެރޭގައި ދެން ހިމެނެނީ މުދައްރިސުންނަށް އަމާޒުކޮށްގެން ފަށާ މާސްޓަރސް އޮފް އެޑިއުކޭޝަން އިން ޓީޗިންގ އާއި ދިވެހި ބަހުގެ ދާއިރާއިން އަންނަމުންދާ ބަދަލުތަކަށް މުދައްރިސުން އަހުލުވެރިކުރުމަށް މުޅި އަލަށް ފަށާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ސަބަބުން ޤައުމީ މަންހަޖަށް ވާޞިލުވުމަށްޓަކައި މުދައްރިސުންނަށް ބޭނުންވާ ހުނަރާއި ޤާބިލުކަން ލިބިގެންދާނެކަމަށް ވިލާ ކޮލެޖުން ބުނެއެވެ. މީގެއިތުރުން ސްކޫލްތަކުގެ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޢިލްމާއި ހުނަރު ތަރައްޤީކުރުމުގެ މަޤުސަދުގައި މާސްޓަރސް އޮފް އެޑިއުކޭޝަން އިން ލީޑަރޝިޕް އެންޑް މެނޭޖްމެންޓްގައިވެސް މުޅި އާ ކޯހެއް އަންނަ އަހަރު ފަށާނެކަމަށް ވިލާ ކޮލެޖުން ބުނެއެވެ. މި ކޯސްތައް ތަޢާރަފްކޮށްދެއްވާ ވާހަކަދައްކަވަމުން ވިލާކޮލެޖުގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރު ވިދާޅުވީ ވިލާ ކޮލެޖުން އަންނަ އަހަރު ފަށާކޯސްތައް އަމާޒުކޮށްފައިވަނީ ވަޒީފާގައި ތިބެގެން މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ފަރާތަކަށް އެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ބޭނުމުގައިކަމަށެވެ.

 "ވަރަށް މުހިއްމު ޕްރޮގްރާމްތަކެއް ވިލާ ކޮލެޖުން ދިވެހިންނަށްޓަކާ، ދިވެހި ޒުވާނުންނަށްޓަކާ އަދި މަތީ ތަޢުލީމު ޙާސިލުކުރަން ބޭނުންވާ ދަރިވަރުންނަށްޓަކާ ލޯންޗުކުރުމުގެ އުފާ މިއަދު މިލިބިގެންދަނީ. މިކޯސްތަކުގެތެރޭގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ބެޗްލަރސް އޮފް ނަރސިންގގެ ޓޮޕް އަޕް ޕްރޮގްރާމެއް އެބައޮތް.އޭގެ މާނައަކީ ޑިޕްލޮމާ ހަދާފަ ތިއްބަވާ ބޭފުޅުން ޑިގްރީ ޙާސިލުކުރެއްވުމަށްޓަކައި ފެންވަރުމަތިކޮށް އަދި ޑިގްރީ ޙާސިލުކުރުމުގެ ފުރުސަތު މިތަނަވަސްކޮށްދެނީ. މިއީ ފެންވަރު ރަނގަޅު ޕްރޮގްރާމެއް."

މި ކޯސްތައް އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ވިލާ ކޮލެޖުގެ ކެމްޕަސްތަކުގައިވެސް އާ އަހަރާއި އެކު ފަށާނެކަމަށް ވިލާ ކޮލެޖުން ބުނެއެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ވިލާ އެކޮލެޖުން ބުނެއެވެ.