ދުނިޔެ

ރައީސް ޕުޓިން އާއި ރައީސް އަސަދު ބައްދަލުކުރައްވައިފި


ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ސިޔާސީ ހައްލެއް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާއި ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ސޫރިޔާގައި ޙަރަކާތްތެރިވަމުންދާ ޓެރަރިސްޓް ޖަމާޢަތްތަކުގެ މައްޗަށް ފުރިހަމަ ކާމިޔާބެއް ހޯދުމަށް އިތުރު މަސައްކަތް ކުރަން ޖެހޭ ކަމަށް ދެ ބޭފުޅުންވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ރަޝިޔާގެ ރިޔާސީ އޮފީސް ކްރެމްލިންއާ ހަވާލާދީ އެ ޤައުމުގެ ނޫސްތަކުން ބުނެފައިވެއެވެ.

ސޫރިޔާގައި ސުލްޙަ ޤާއިމުކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި، އެކަމަށް ރަޝިއާއިން އޮތީ ތައްޔާރަށް ކަމަށް ރަޝިޔާގެ ރިސޯޓް ރަށެއް ކަމަށްވާ ސޯޗީގައި ބޭއްވި މި ބައްދަލުވުމުގައި ޕުޓިން ވިދާޅުވިއެވެ،

ރަޝިއާގެ ރައީސް ސޫރިޔާގެ ރައީސާ ބައްދަލުކުރައްވާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ތުރުކީވިލާތާއި އީރާނުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.