ކުޅިވަރު

ޤައުމީ ކޯޗުގެ އެއްބަސްވުން އައު ނުކުރަން އެފްއޭއެމުން ނިންމައިފި


ޤައުމީ ކޯޗު ޑަރެން ސްޓްވާޓްގެ އެއްބަސްވުން އައު ނުކުރުމަށް އެފްއޭއެމުން ނިންމައިފިއެވެ. 

ޤައުމީ ކޯޗުގެ އެއްބަސްވުން މިއަންނަ އަހަރުގެ ފެބްރުއަރީ މަހަށް ހަމަވާއިރު، ކޯޗުގެ އެއްބަސްވުން އާ ނުކުރުމަށް އެފްއޭއެމުން ނިންމާފައިވަނީ  ފަހަކަށް އައިސް ޤައުމީ ޓީމްގެ ނަތީޖާތަށް ދަށްވުމުގެ ސަބަބުންކަމަށް އެފްއޭއެމުން މަޢުލުމާތުދެއެވެ. 

ޤައުމީ ކޯޗުގެ އެއްބަސްވުން އައު ނުކުރުމަށް ނިންމާ މިހާރު ކޯޗް ޑަރެން ސްޓްވާޓްއަށްވެސް އެކަން އަންގާފައިވާކަމަށް އެފްއޭއެމުން މަޢުލުމާތުދެއެވެ. މިވަގުތު ސްޓްވާޓް އަމިއްލަ ކަމެއްގައި ހުރީ ސިންގަޕޫރްގައެވެ. 

އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްދީން މެޗާއި ކުރިމަތިލިއިރު، ޤައުމީ ޓީމްގެ އެސިސްޓަންޑް ކޯޗް އިސްމާޢީލް މަހުފޫޒްވަނީ މާޒިޔާ ސްޕޯޓްސްގެ ކޯޗުކަމާއި ހަވާލް ވުމަށް ޤައުމީ ޓީމް ދޫކޮށްލާފައެވެ. 

ކޯޗު ޑަރެން ސްޓްވާޓްގެ އެއްބަސްވުން އާ ނުކުރުމަށް އެފްއޭއެމުން ނިންމާފައިވާއިރު، އޭޝިއަން ކަޕް ކޮލިފައިންގައި އެންމެ ފަހު މެޗްގައި މިއަންނަ މަހުގެ 27ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ބޫޓާންއާއި ދެކޮޅަށެވެ. އެފްއޭއެމުން ބުނީ ބޫޓާން މެޗް އަންނަންވާއިރަށް ޤައުމީ ޓީމަށް ކޯޗެއް ހަމަޖައްސާނެކަމަށާއި ބޫޓާންއާއި ދެކޮޅަށް ނިކުންނައިރު، ޤައުމީ ޓީމަށް އިރުޝާދުދޭނީ އައު ކޯޗެއްކަމަށެވެ.

ޤައުމީ ކޯޗުކަމަށް ޑަރެން ސްޓްވާޓްގެ އެންމެ ފުރަތަމަ ހަމަޖެއްސީ މިދިޔަ އަހަރެވެ. ޑަރެން ސްޓްވާޓްއަށް އެފްއޭއެމުން ދިން ޓާގެޓަށް ހާސިލް ނުވިއިރު، ރާއްޖޭގެ ޓީމްވަނީ ވަރަށް ދަށް ނަތީޖާތަކެއް ހޯދާފައެވެ. 

އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމަށް ކޯޗާއި ހަވާލް ކުރިނަމަވެސް، އޭޝިއަން ކަޕްގައި ރާއްޖެ ކުޅުނު އެންމެ ފުރަތަމަ މެޗްގައި ފަލަސްތީން އަތުންވަނީ ތިން ލަނޑު ސުން ލަނޑުން ބަލިވެފައެވެ. އަދި އޭޝިއަން ކަޕްގައި ރާއްޖެ މިހާތަނަށް ކުޅެފައިވާ މެޗްތަކުގެ ތެރެއިން މޮޅުވެފައިވަނީ ބޫޓާން އަތުން އެކަންޏެވެ. 

މިއަންނަ އަހަރުގެ ފެބްރުއަރީ މަހަށް ކޯޗް ޑަރެން ސްޓްވާޓްގެ އެއްބަސްވުން ހަމަވާއިރު، އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމުގެ އިތުރުން މިއަންނަ އަހަރު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަކީވެސް ކޯޗް ޑަރެން ސްޓްވާޓަށް އެފްއޭއެމުން ހަވާލްކޮށްފައިވާ ޓާގެޓެކެވެ.