ޚަބަރު

"އުބްލޯ"އިން ރާޢްޖޭގެ ރިޒޯޓަކާ ގުޅިގެން ގަޑިއެއް ތަޢާރަފްކޮށްފި


އަތުކުރިގަޑި އުފެއްދުމުގައި މަޝްހޫރު "އުބްލޯ"އިން ރާއްޖޭގައި ހުންނަ ޝެވަލް ބްލާންކް ރަންދެލި ރިޒޯޓާ ގުޅިގެން ރާއްޖޭގެ ނޫކަނޑުތައް އަސްލަކަށް ބަލައިގެން އަތުކުރީ ގަޑިތަކެއް ތަޢާރަފްކޮށްފިއެވެ. 

ރާއްޖޭގެ މޫދުގެ ނޫކުލަ ދައްކުވައިދޭ ޑިޒައިނަކަށް އުބްލޯއިން ނެރިފައިވާ ގަޑީގެ ޚާއްސަ މި ސީރީޒަށް ކިޔަނީ "ކްލެސިކް ފިއުޒަން ޝެވާލް ބްލާންކް ރަންދެލި ސްޕެޝަލް އެޑިޝަން" އެވެ. މިއެޑިޝަންގައި އަންހެނުންނަށާއި ފިރިހެނުންނަށް ޚާއްސަ ވަކި ދެގަޑި ހިމެނެއެވެ.

މިގަޑިތައް ޑިޒައިންކޮށްފައިވަނީ ރާއްޖޭގައި ހުންނަ ޝެވަލް ބްލާންކް ރަންދެލި ރިޒޯޓުގެ ވަށައިގެންވާ ކަނޑުގެ ނޫކުލަ ގަޑީގެ މޫނުމަތިން ދައްކުވައިދޭ ގޮތަކަށެވެ. މިގޮތުން ނެރިފައިވަނީ 45 މިލިމީޓަރުގެ މޫނުމައްޗެއް ހިމެނޭ ފިރިހެން ގަޑިއަކާ 38 މިލިމީޓަރުގެ މޫނު މައްޗެއް ހިމެނޭ އަންހެން ގަޑިއެކެވެ. އަންހެނުންނަށް ޚާއްސަކޮށް ނެރިފައިވާ ގަޑީގެ މޫނުމަތި ވަށައިގެން ކްރިސްޓަލްސް ޖަހާފައިވެއެވެ.



ސުއިސްގެ ލަގްޒަރީ އަތުކުރި ގަޑި އުފައްދާ އުބްލޯއިން ނެރުނު މިގަޑި ޑިޒައިންކޮށްފައިވަނީ ފެރިހުގެ އާޓިސްޓެއްކަމަށްވާ ވިންސެންޓް ބިއުރިންއެވެ. މިގަޑީގެ ޑިޒައިނާ ބެހޭގޮތުން ވާހަކަދައްކަމުން ވިންސެންޓް ބުނީ މިގަޑިން ނޫނުއަތޮޅުގެ ޝެވަލް ބްލާންކް ރަންދެލިން އޭނާއަށް ފެނިގެންދިޔަ ރާއްޖޭގެ ރީތި ކަނޑުގެ ކުލަތައް ރަމްޒުކޮށްދޭނެކަމަށާ، ގަޑީގެ ޑިޒައިނުން ރަމްޒުކޮށްދެނީ އޭނާއަށް ސިފަވި މަންޒަރުތައްކަމަށެވެ.

އުބްލޯގެ ސީއީއޯ ރިކާޑޯ ގުއަޑަލޫޕޭ ބުނިގޮތުގައި ނޫކުލައިގެ މޫނުމަތިލީ މިދެގަޑިއަކީވެސް ވަރަށް ހިތްފަސޭހަ ޗާލު ދެގަޑިކަމަށެވެ. މިދެގަޑިވެސް ޝެވަލް ބްލާންކް ރަންދެލި ރިޒޯޓުން ވިއްކާނެއެވެ. އަދި ދުނިޔޭގެ އެކިއެކި ސަރަހައްދުތަކުގައި ހުންނަ އުބްލޯގެ ފިހާރަތަކުންވެސް ލިބެން ހުންނާނެއެވެ.