ޚަބަރު

"އެއްސަހަރެއްގައި"ގެ މިއަހަރުގެ ޗެމްޕިއަންކަން ޖުލާން އަށް


ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ކުޑަކުދިންގެ ވާހަކަ ކިޔުމުގެ މުބާރާތް "އެއްސަހަރެއްގައި" ގަ އަތޮޅު ތެރެއަށް ފުޅާކޮށް، ޕީއެސްއެމްގެ ބިއުރޯއާއި އޮފީސްތައް ހުންނަ ކޮންމެ ރަށަކުން އޮޑިޝަންތަކުގައި ބައިވެރިވެވޭ ގޮތައް ހައްދަވާނެކަމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލްލަތީފް ވިދާޅުވެއްޖެއެވެ. އެނާ މިހެން ވިދާޅުވީ "އެއްސަހަރެއްގައި"ގެ މިއަހަރުގެ މުބާރާތުގެ ނަތީޖާފާޅު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އުމުރުން 11 އަހަރުގެ މުޙައްމަދު ޖުލާން ޝަފީޢުއެވެ. ޖުލާންއަށް މުބާރާތުގެ އެއްވަނަ ފަރާތަކަށް ކަނޑައަޅާފައިވާ 10 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ ހަވާލުކޮށްދެއްވީ މި މުބާރާތުގެ ނަތިޖާ ފާޅުކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ޕީ.އެސް.އެމްގެ ބޯޑު ޑިރެކްޓަރ މުޙައްމަދު ޝާގިލްއެވެ. ކުޑަކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބިޖައްސާ އެކުދިންގެ ކިޔުންތެރިކަމުގެ ހުނަރު ކުރިއެރުވުމަށް "އެއްސަހަރެއްގައި" މިނަމުގައި ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ މި މުބާރާތަކީ 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. 

"އެއްސަހަރެއްގައި" ގެ ނަތިޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީ.އެސް.އެމް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލްލަތީފް ވިދާޅުވީ، މި މުބާރާތަކީ ހަމައެކަނި ރޭޑިއޯ ޕްރޮގްރާމެއްގެ ގޮތުގައި ބައިވެރިންގެ އަޑުތައް ގެނެސްދޭ މުބާރާތެއްގެ ބަދަލުގައި، ރޭޑިއޯއާއި ޓީވީ ދެބައި އެކުވެގެން ގެނެސްދޭ މުބާރާތެއްގެގޮތުގައި މި މުބާރާތް ބައްޓަންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މި މުބާރާތުގައި ވީހާވެސް ގިނަ ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކާ، އަންނަ އަހަރު ޕީ.އެސް.އެމްގެ މީޑިއާ އޮފީހެއް ނުވަތަ ބިއުރޯއެއް ހުރި ކޮންމެ ރަށެއްގައި މި މުބާރާތުގެ އޮޑިޝަންތައް ބޭއްވުމަށް ނިންމާފައިވާކަން އިކްރާމް އިޢުލާން ކުރެއްވިއެވެ.ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަމުން "އެއްސަހަރެއްގައި"ގެ މިއަހަރުގެ ޗެމްޕިއަން މުހައްމަދު ޖުލާން ޝަފީޢު ބުނީ، ވާހަކަ ކިޔުމަކީ އޭނާ އަބަދުވެސް ކުރާހިތްވާ ކަމެއްކަމަށާއި، މިހާ ވާދަވެރި މުބާރާތަކުން އެއްވަނަ ލިބިދާނެކަމަށް އުއްމީދުވެސް ނުކުރާކަމަށެވެ. އަދި މި މުބާރާތަށް ތައްޔާރުކޮށްދިން ފަރާތްތަކަށް ޖުލާން ވަނީ ޝުކުރު އަދާކޮށްފައެވެ.ކުޑަކުދިންގެ ވާހަކަ ކިޔުމުގެ މުބާރާތް "އެއްސަހަރެއްގައި"ގެ 7 ވަނަ މުބާރާތުން ލިޔުންތެރިކަމުގެ ރޮނގުން އެންމެ މޮޅު ވާހަކައަކަށް ހޮވިފައިވަނީ މުޙައްމަދު ނާހިދު ލިޔެ، އަދި ހުށައަޅައިދިން "ތުއްތުބޭ" މި ވާހަކައެވެ. މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ދެހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ.

މިފަހަރުގެ މުބާރާތުން 6 އަހަރުން ދަށުގެ އުމުރުން ފުރާއިން އެންމެ މޮޅު ވާހަކަ ކިޔުންތެރިއަކަށް ހޮވިފައިވަނީ އުމުރުން 5 އަހަރުގެ ޢަބްދުﷲ ޒާން އަސްލަމްއެވެ. އޮޑިޝަންތަކުގައި ބައިވެރިވި ކުދިންގެ ތެރެއިން ފާޑިޔާރުންގެ އެންމެ މަތީ މާކްސް ލިބުނު 20 ބައިވެރިންނާއެކު ފެށި މި މުބާރާތުގެ އެންމެ މޮޅު 5 ބައިވެރިންނަށްވެސް މި ރަސްމިއްޔާތުގައި ވަނީ ހަނދާނީ ލިޔުމާއި، އިނާމް ހަވާލުކޮށްފައެވެ.