ޚަބަރު

އޭދަފުށީގައި 100 ހައުސިން ޔުނިޓް އެޅުމަށް ބަޖެޓްގައި ހިމަނައިފި


އޭދަފުށީ ހިއްކި ބިމުގައި 100 ހައުސިން ޔުނިޓް އެޅުމަށް ނިންމާ އެ ފައިސާ  އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ. އޭދަފުއްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން ސަރުކާރުންވަނީ އެރަށު ފަޅުން 26 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ގެދޮރުގެ ދަތިކަން ޙައްލުކޮށް ބޯހިޔާވަހިކަން ޔަޤީންކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތު. މި ޢަމާޒައް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހައުސިން މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. މިގޮތުން 9 ރަށެއްގައި ފްލެޓް އެޅުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. 

އަންނަ އަހަރުގެ ބަޖެޓުގައިވެސް ހައުސިން  ގިނަ މަޝްރޫޢުތަކެއް ހިމަނާފައިވާއިރު އޭގެ ތެރެއިން އެއް ރަށަކީ ބ އަތޮޅު އޭދަފުށިއެވެ. 2014ވަނަ އަހަރު ހިއްކި 26 ހެކްޓަރާއިއެކު އެރަށުގެ ބިމުގެ ސައިޒުވަނީ 56 ހެކްޓަރަށް އިތުރުވެފައެވެ. ހިއްކި ސަރަހައްދާއއި އެކު ބިމުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައިވާއިރު މި ޕްލޭނާއިއެކު އެރަށަށް ބޮޑެތި ތަރައްޤީތަކެއް އަންނާނެކަމަށް އެރަށު ކައުންސިލުން ދެކެއެވެ. 

ބ އަތޮޅުގެ ވެރިކަންކުރާ އޭދަފުޢްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައިވެސް ވަނީ ހިމަނާފައެވެ. މިގޮތުން އެރަށު ހިއްކި ބިމުގައި 100 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ސާދަ މިލިއަން ހަސަތޭކަ ހާހަށްވުރެ ގިނަ ރުފިޔާވަނީ ބަޖެޓުގައި ހިމަނާފައެވެ. އޭދަފުށި ކައުންސިލްގެ ރަޢީސް ތަލާލް އަބްދުއްރަޙްމާން ވިދާޅުވީ މި މަޝްރޫޢުއާއިއެކު އެރަށަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް މުޅިން ހައްލު ލިބިެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުން 100 ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައިވާއިރު އޭގެ އިތުރަށް ގެވަޅުގެ ގޮތުގައި 158 ބިމެއް ދޫކުރުމަށްވެސް ކައުންސިލުން ވަނީ ނިންމާފައެވެ. މީގެއިތުރުން ޕަބްލިކް ހައުސިންގ އޭރިއާގެ ގޮތުގައި 48 ބިމެއްވެސް ކުއްޔަށްދިނުމަށްވެސް ވަނީ ނިންމާފައެވެ. އޭދަފުށީގެ އާބާދީގައި ތިންހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނައިރު، އަލަށް ރަށަށް އިތުރުކުރާ ހައުސިންގ އޭރިއާގެ ސަބަބުން މިހާރުގެ އާބާދީގެ %91 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް ކައުންސިލުން ބުނެއެވެ.

އޭދަފުށި ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހިއްކި ބިމުން ސިނާއީ މަސައްކަތްތައް ކުރުމަށް ޚާއްސަ ސަރަޙައްދެއްވެސްވަނީ ކަނޑައަޅާފައެވެ.. އެގޮތުން ވޯކްޝޮޕްތަކާއި، ގަރާޖުތަކާއި ބޯޓް ބަނުން ފަދަ މަސައްކަތްތަކަށް އެ ސަރަހައްދުން ބިން ކުއްޔަށްދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ރަށަށް ވަންނަ އާމްދަނީ އިތުރުކުރުމަށް ގެސްޓް ހައުސް ވިޔަފާރި ފަށައިގަތުމަށް ގެސްޓް ހައުސް ޑިވަލޮޕްމަންޓް ޒޯންގެ ގޮތުގައިވެސް ޚާއްސަ ސަރަހައްދެއް ވަނީ ހިމަނާފައެވެ.