ކުޅިވަރު

ދެވަނަ ބުރުގައިވެސް ކުޑަހުވަދޫގެ މައްޗަށް މިލަންދޫ ކުރި ހޯދައިފި


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައިވެސް މިލަންދޫން ކުޑަހުވަދޫގެ މައްޗަށް ކުރި ހޯދައިފިއެވެ. 

ލީގުގައި ދ.ކުޑަހުވަދޫއާއި ށ.މިލަންދޫ ވާދަކުރި މެޗު މިލަންދޫން ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ. މެޗުގެ ފުރަތަމަ ގޯލް މިލަންދޫން ޖެހީ ހަވަނަ މިނެޓުގައެވެ. އިޝާން އިބްރާހިމްގެ ހުނަރާއިއެކު ތަނަވަސްކުރި ފުރުސަތަކުން މި ލަނޑު ޖަހައިދިނީ ކެޕްޓަން އިސްމާޢިލް ފަތުޙީއެވެ. މި ލަނޑަށްފަހު ކުޑަހުވަދޫންވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ޖިބޮލާ ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލުގެ އަރިމަތީ ކަނަށްވަނުމުގެ ކުރިން ކީޕަރު މުޙައްމަދު އިމްރާން ވަނީ އެ ބޯޅަ ދިފާޢުކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މިލަންދޫން ލީޑް ފުޅާކުރީ އާދަމް އިމްރާން ޖަހައިދިން ގޯލުންނެވެ. ދެވަނަ ހާފުގައި މިލަންދޫގެ ތިންވަނަ ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިބްރާހިމް ސައީދުއެވެ.

 މެޗަށްފަހު ށ.މިލަންދޫގެ ކޯޗު މުޙައްމަދު ނާސިރު ބުނީ މިއީ ލީގުގައި ޓީމު މިހާތަނަށް ކުޅުނު އެންމެ ރަނގަޅު އެއް މެޗުކަމަށާއި، ކުރިން ކައުންޓާރ އެޓޭކަށް ބައްޓަންކުރި ޓީމް މިހާރު ތައްޔާރުވެފައި މިއޮތީ އެޓޭކިންގ ފުޓްބޯޅައަށްކަމަށެވެ. އަދި ކުޅުންތެރިން ކޮންމެ މެޗެއްގައިވެސް ކުރާ މަސައްކަތަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަން ނާސިރު ފާހަގަކުރިއެވެ.

މެޗަށްފަހު ކުޑަހުވަދޫ ޓީމްގެ ކޯޗު މުޙައްމަދު ޝިޔާޒް މޯހަން ބުނީ ޓީމުގެ ކުޅުން ދެވަނަ ބުރުގައި ވަރަށް ރަނގަޅުކަމަށާއި، މައްސަލައަކީ ބައިކޮޅަށް ވަންނަ ލަނޑުތައްކަމަށެވެ. މި މެޗުގައިވެސް ޓީމުން ރަނގަޅު ހަމަލާތަކެއް އުފެއްދިކަމަށާއި، މައްސަލައަކީ ނަތީޖާ ނުނެރެވުން އެކަނިކަމަށެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ އޮތީ އެއް މެޗެވެ.. ލީގުގައި ކުޑަހުވަދޫ ކުޅޭ ފަހު މެޗުގައި އެޓީމް ނިކުންނާނީ އއ.މާޅޮހާއި ދެކޮޅަށެވެ. އަދި މިލަންދޫ ކުޅޭ ފަހު މެޗުގައި އެޓީމް ނިކުންނާނީ ގދ.ތިނަދޫއާއި ދެކޮޅަށެވެ. މި ދެ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ.