ދުނިޔެ

ފަތަޙާއި ހަމާސްގެ މަޝްވަރާތައް މުހިއްމު- މްލެޑެނޯފް


ފަލަސްޠީނުގެ ވާދަވެރި ސިޔާސީ ދެ ޖަމާޢަތް ކަމަށްވާ ފަތަޙްއާ ހަމާސްއާ ދެމެދު ގުޅުން ބަދަހިކުރުމަށް ބާއްވާ މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ އަނެއްކާވެސް ދެފަރާތަށް ގެއްލުންބޮޑު ކުރިމަތިލުންތަކެއް ހިންގުމުގެ މަގު ފަހިވެގެން ހިނގައިދާނެކަމަށް، އދން މެދު އިރުމައްޗަށް ކަނޑައަޅާފަ ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން އެ ޖަމިއްޔާއިން މެދު އިރުމައްޗަށް ކަނޑައަޅާފަ ހުންނަވާ ސަފީރު ނިކޮލޭ މްލެޑެނޯފް

ވިދާޅުވީ، ފަލަސްޠީނުގެ ވާދަވެރި ސިޔާސީ ޖަމާޢަތްތަކުގެ މެދުގައި މިޞްރުގެ ވެރިރަށް ޤާހިރާގައި މަޝްވަރާތައް ކުރިއަށްގެންދާނެކަމަށެވެ.

ފަތަޙް އާއި ހަމާސް އާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރުމަކީ ދާއިމީ ގޮތެއްގައި ޞުލްހަ ޤާއިމުކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅުކަމަށް އޭނާ ވިދާޅުވިއެވެ. މި މަޝްވަރާތަކުގައި އެންމެ މުހިއްމު ކަމެއް ދޭންޖެހޭނީ ޣައްޒާއަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ކަމަށް މްލެޑެނޯފް ވިދާޅުވިއެވެ.

އަދި ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ފަލަސްޠީނުގެ މައި ސަރުކާރާ ހަވާލުކުރުމަށްވެސް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.