ދުނިޔެ

ޣައްޒާގެ ޙާލަތު ދުވަހުން ދުވަހަށް ދަށަށް


ފަލަސްޠީނުގެ ޣައްޒާއަށް ވަދެވެން އޮންނަ މަގު ބަންދުކޮށްފައި އޮންނަ އޮތުމުގެ ސަބަބުން އެ ސަރަޙައްދުގެ ހާލަތު ދުވަހުން ދުވަހަށް ދަށަށްދާކަމަށް އދން ބުނެފިއެވެ. ފަލަސްޠީނާ ޣައްޒާގައި އުފެދިފައިވާ މައްސަލަތަކުގެ އަސްލަކީ ފަލަސްޠީނުގެ ރެފިއުޖީންގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުހޯދުން ކަމަށް،ފަލަސްޠީނުގެ ރެފިއުޖީންނަށް އިންސާނީ އެހީ ދިނުމަށް އދން ޤާއިމުކޮށްފައިވާ ޚާއްސަ އިދާރާ ޔޫ.އެން.އާރް.ޑަބްލިއު.އޭ.ގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޗައިނާގެ ޝިންހުއާއަށް ދެއްވި ޙާއްސަ ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން ފަލަސްޠީނުގެ ރެފިއުޖީންނަށް އިންސާނީ އެހީ ދިނުމަށް އދ.ން ޤާއިމުކޮށްފައިވާ ޙާއްސަ އިދާރާ ޔޫ.އެން.އާރް.ޑަބްލިއު.އޭ ގެ ތަރުޖަމާނު ކްރިސްޓޮފަރ ގަނެސް ވަނީ ޣައްޒާގެ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް ވިދާޅުވެ، އިންޒާރު ދެއްވާފައެވެ. އިންސާނީ އެހީ ދިނުމުގެ މަސައްކަތުގައި ދުނިޔޭގައި އެންމެ ގިނަ ދުވަސްވަންދެން ހަރަކާތްތެރިވެފައިވާ އެއް ޖަމާޢަތް ކަމަށްވާ ޔޫ.އެން.އާރް.ޑަބްލިއު.އޭގެ މާލީ ހާލަތު ދުވަހުން ދުވަހަށް ދަށަށްދާ ކަމަށާއި މިކަމުގެ ސަބަބަކީ އެ ޖަމާޢަތުގެ ޚިދުމަތްތަކަށް ބަރޯސާވެގެން އުޅެމުންދާ ފަލަސްޠީނުގެ ރެފިއުޖީންގެ ޢަދަދު އިތުރުވުން ކަމަށް ގަނެސް ވިދާޅުވިއެވެ.

ގަނަސް ވިދާޅުވީ މި ވަގުތު އެޖަމާޢަތުގެ އޮޕަރޭޝަނަލް ބަޖެޓް ޑެފެސިޓް ނުވަތަ ދަރަނި ހަތްދިހަ މިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށާ މިއީ ޤަބޫލު ކުރެވޭނެ ޢަދަދެއް ނޫން ކަމަށެވެ. މިކަމުގެ ސަބަބުން ދުވަހުން ދުވަހަށް އެޖަމާޢަތުން ކުރަން ޖެހޭ ޚަރަދުތައް ކުރުމުގައި ހުރަސްތަކާ ކުރިމަތިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަލަސްޠީނާ ޣައްޒާގައި އުފެދިފައިވާ މައްސަލަތަކުގެ އަސްލަކީ ފަލަސްޠީނުގެ ރެފިއުޖީންގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުހޯދުން ކަމަށް ގަނަސް ވިދާޅުވިއެވެ.

އެގޮތުން، ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވިފައިވާ މަސައްކަތްތަކުގައި އެކަށިގެންވާ ކުރިއެރުން ލިބިފައި ނުވާތީ ޔޫ.އެން.އާރް.ޑަބްލިއު.އޭ.ގެ މަސައްކަތްތަކުގެ އަމާޒު ބަދަލުވެފައިވާ ކަމަށާއި، ޣައްޒާގައި އުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވަމުންދަނީ ޣައްޒާއަށް ވަންނަން އޮންނަ ދެ މަގުވެސް ބަންދުކޮށްފައިވާތީ ކަމަށާއި މިކަމުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ ބޭނުންތައް އިތުރުވެ ޔޫ.އެން.އާރް.ޑަބްލިއު.އޭއިން ކުރަންޖެހޭ ޚަރަދުތައް އިތުރުވާ ކަމަށް، ގަނަސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރަޙައްދީ އެހެން ޤައުމުތަކުގައި އުފެދިފައިވާ އިންސާނީ ކާރިޘާގެ މައްސަލަތުގެ ސަބަބުން ޣައްޒާގެ ރައްޔިތުން އުޅެމުންދާ ހިތްދަތި ހާލުން ދުނިޔޭގެ ސަމާލުކަން ގެއްލިފައިވާ ކަމަށާ ޣައްޒާގެ އާބާދީގެ އަށްޑިހަ އިންސައްތައަކީ ޔޫ.އެން.އާރް.ޑަބްލިއު.އޭގެ އެހީއަށް ބަރޯސާވާ ފަރާތްތައް ކަމަށްވެސް އެޖަމާޢަތުގެ ތަރުޖަމާނު ވިދާޅުވިއެވެ.