ޚަބަރު

ޔޫރޯރީނަލް ސެންޓަރުގެ ޚިދުމަތް މިދަނީ ފުޅާކުރަމުން - ސެންޓަރު


ނޭޝަނަލް ޔޫރޯ-ރީނަލް އެންޑް ފާރޓިލިޓީ ސެންޓަރު ހުޅުވިތާ އެއް އަހަރު ފުރިފައިވާއިރު ސެންޓަރުން ދޭ ޚިދުމަތް ފުޅާ ކުރުމަށް ގިނަ މަސައްކަތް ކުރަމުންދާކަމަށް އެސެންޓަރުން ބުނެފިއެވެ. 

ނޭޝަނަލް ޔޫރޯ-ރީނަލް އެންޑް ފާރޓިލިޓީ ސެންޓަރަކީ އިންޑިއާގެ އެން.ޔޫ ހޮސްޕިޓަލާއި އައިޖީއެމްއެޗް ގުޅިގެން ހިންގާ ސެންޓަރެކެވެ. ކިޑްނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ގަރުބަގަތުމުގެ ސިއްޚަތަށް ހާއްސަ އެކިއެކި ފަރުވާދޭ މި މަރުކަޒުން ގިނަ އަދަދެއްގެ އާންމުން ހިދުމަތް ހޯދަމުންދާކަމަށް ނޭޝަނަލް ޔޫރޯ-ރީނަލް އެންޑް ފާރޓެލިޓީ ސެންޓަރުން ބުނެއެވެ. މިމަރުކަޒަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދުވަނީ ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓުކުރުމަށް ހާއްސަ ހަރަކާތެއް ހިންގާފައެވެ.

ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަވަމުން ޑައިރެކްޓަރ އޮފް ކިޑްނީ ސެންޓަރ ޑރ އިބްރާހިމް ޝިހާމް ވިދާޅުވީ މަރުކަޒުންދޭ ހިދުމަތްތަކަށް އާންމުން ވަރަށް ބޮޑަށް ތަޢުރީފު ކުރާކަމަށެވެ. އަދި ޑރ ޝިހާމް ވިދާޅުވީ ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ޕޭޝަންޓުން ވެއިޓްލިސްޓްގައި މަޑުކުރަންޖެހުމާއި ތަނުގައި ޑޮކްޓަރުން މަދުވުމާއި ބެޑްކެޕޭސިޓީ ދައްވުން ހިމެނޭކަމަށެވެ. ނަމަވެސް މިކަންކަން ހައްލުކޮށް ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. 



"އަޅުގަނޑުމެންގެ ވިޝަންއަކީ ކުރިޔަށް އޮތްތާގަ ވީހާވެސްގިނަ ސާރޖަރީތައް ރާއްޖޭގައި ތިބެގެން ކުރެވޭނެ ގޮތްވުން. އެންމެ ބޮޑު އެކްސްޕޭންޝަންއެއްގެ ގޮތުން އަޅުގަނޑުމެނަށް ޚިޔާލުކުރެވިފައިމިއޮތީ ކިޑްނީ ޓްރާންސްޕްލާންޓޭޝަނަކާ ހަމަޔަށް ދިއުން. އެހެންވެ އެކަންތައް ކުރިޔަށް ގެންދިއުމުގެ މަސައްކަތް ހިގަމުން މިހާރު މިދަނީ. ކިޑްނީ ޓްރާންސްޕްލާންޓޭޝަން ކުރިއަށް އޮތްތާނގައި ކައަރި މުސްތަޤްބަލެއްގައި ފެށޭތޯ. މިހާރުވެސް ހެދޭ ބައެއް ސާރޖަރީތަކަކީ މައި ސާރޖަރީތަކެއް ނަމަވެސް ކޮންޕްލެކްސް ސާރޖަރީތައް ހަދަން ފަށަން ހަމަހެއްވަރު ވާނެ. ދަތިތައް އެބަހުރި، 25 ބުރީގެ އިމާރާތްއެޅުމުން މިކަންތައްތައް ހައްލުވެގެންދާނެ" ޑރ. އިބްރާހިމް ޝިހާމް ވިދާޅުވިއެވެ.



ރާއްޖޭގައި އަލަށް ތަޢާރަފްކުރި ނޭޝަނަލް ޔޫރޯ-ރީނަލް އެންޑް ފާރޓިލިޓީ ސެންޓަރުގެ އަމާޒަކީ ޔޫރޯރީނަލް ފާރޓިލިޓީގެ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމެވެ. ނޭޝަނަލް ޔޫރޯ-ރީނަލް އެންޑް ފާރޓެލިޓީ ސެންޓަރު ހުޅުވިތާ އަހަރުވެފައިވާއިރު މިސެންޓަރުން މިހާތަނަށް ވަނީ އައްހާހާ ގާތްކުރާ އަދަދަކަށް މީހުން ބަލާ ދުއިސައްތައަށް ވުރެ ގިނަ ސާރޖަރީ ހަދާފައެވެ. ސެންޓަރު ހިންގުމުގައި ހުރިދަތިތައް ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ނިމުމުން ހައްލުވެގެންދާނެކަމަށް މިސެންޓަރުން ލަފާކުރެއެވެ.