ކުޅިވަރު

އޮސްކާގެ އަމާޒު ނިއުއާއެކު އޭއެފްސީކަޕަށް


އޭއެފްސީ ކަޕްގެ ގަދަ ބާރަކަށް ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް ހަދަން ބޭނުންވާކަމަށް އެކުލަބަށް މިއަހަރު އުރީދޫ ދިވެހި ޕްރިމިއަރ ލީގު ކާމިޔާބުކޮށްދިން ސްޕެއިންގެ ކޯޗު އޮސްކާ ބުރޫޒަން ބުނެފިއެވެ. 

ޓީސީ ބަލިކޮށް ހަވަނަ ފަހަރަށް ލީގު ޗެންޕިއަންކަން ހޯދި ނިއު ރޭޑިއަންޓްގެ ކޯޗު ބުނީ މީގެ ކުރިންވެސް އޭއެފްސީކަޕްގެ ސެމީ ފައިނަލް އަދި ކުއާޓަރ ފައިނަލަށް ނިއުރޭޑިއަންޓް ދަތުރުކޮށްފައިވާތީ އެއަށްވުރެ ދުރަށް ނިއުރޭޑިއަންޓް ގެންގޮސްދިނުމަކީ އަމާޒުކަމަށެވެ. މިއަހަރުގެ ސީޒަން ފެށުނުއިރު ނިއު އޮތީ ވަރަށް ދަތި ހާލަތެއްގައި ކަމަށާއި، ނަމަވެސް މެނޭޖްމަންޓާއި ކުލަބްގެ ޗެއާރމަންގެ ބުރަ މަސައްކަތުން ނިއު ރޭޑިއަންޓް މިހާރު ރަނގަޅު ހިސާބަކަށް ދަތުރުކޮށްފައިވާކަންވެސް ކޯޗު ފާހަގަކުރިއެވެ. ނިއުގެ ކޯޗް އޮސްކާ ބުރޫޒަން ބުނީ އަދި މިއީ ނިއުގެ ފެށުންކަމަށާއި، ކުރިއަށް އޮތީ ބުރަ މަސައްކަތުގެ ފެށުންކަމަށެވެ.

އޮސްކާގެ އިތުރުން މިޑްފީލްޑަރ ކަންޑޭލާގެ އެއްބަސްވުން ނިއުއިން އާކޮށްފައިވާއިރު މިހާރުވެސް އެކްލަބުން އަންނަނީ ރަނގަޅު ބިދޭސީ ދެ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިހާރު ތިބި ބިދޭސީ ކުޅުންތެރިންގެ ތެރެއިން އިތުރު ކުޅުންތެރިއަކު ކްލަބްގައި ބެހެއްޓުމުގެ ފުރުޞަތު ބޮޑުކަމަށްވެސް އެކްލަބުން ވަނީ ބުނެފައެވެ.

މިއީ ނިއު އިން ލީގު ހޯދި ހަ ވަނަ ފަހަރު. މީގެކުރިން ނިއުއިން ލީގު ހޯދާފައިވަނީ 2006، 2012، 2013، 2014 އަދި 2015 ވަނަ އަހަރުއެވެ. ލީގު 2015 ވަނަ އަހަރު ޕްރިމިއަރ ލީގަށް ރީބްރޭންޑްކުރި ފަހުން ނިއު ދެ ފަހަރު ލީގު ހޯދިއެވެ. މާޒިޔާ ވަނީ އެއް ފަހަރު ހޯދާފައެވެ.