ކުޅިވަރު

ފުރަތަމަ ޑޮޖްބޯލް މުބާރާތް އެމްޕީއެލް ކާމިޔާބުކޮށްފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޑޮޖްބޯލް މުބާރާތް އެމްޕީއެލް ކާމިޔާބުކޮށްފިއެވެ. 

ޒުވާނުންގެ ދުވަހާއި ގުޅިގެން ޔޫތު ޑޭ ޑޮޖްބޯލް ޗެލެންޖް 2017ގެ ނަމުގައި ބޭއްވި މުބާރާތުގެ އަންހެން ޑިވިޝަންނާއި ފިރެހެން ޑިވިޝަންގެ ޗެންޕިއަންކަންވެސް ހޯދީ އެމްޕީއެލްގެ ޓީމެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ އަދި ފިރިހެން ޑިވިޝަންގެ ފައިނަލުގައިވެސް ވާދަކުރީ އެމްޕީއެލް އާއި އެމްޑަބްލިޔުއެސްސީއެވެ. މުބާރާތުގެ ދެޑިވިޝަންގެ ފައިނަލުން އެމްޕީއެލް މޮޅުވީ އެމްޑަބްލިޔުއެސްސީއާ ވާދަކޮށް ސިދާ ދެ ގޭމުންނެވެ. 

އެއްދުވަހަށް ކުރިޔަށްގެންދިޔަ މުބާރާތުގައި ދެ ޑިވިޝަންގައި ވެސް ހަތަރު ޓީމް ވަނީ ބައިވެރިވެފައެވެ. ރާއްޖެއަށް ޑޮޖް ބޯލް ތަޢާރަފްކުރުމުގެ ގޮތުން މިމަހުގެ ކުރީކޮޅު ސްޕޯރޓްސް ކޯޕަރޭޝަނުން ވަނީ މެލޭޝިޔާގެ ޑޮޖްބޯލް ފެޑެރޭޝަނާ ގުޅިގެން މާލޭގައި ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. ދުނިޔޭގެ 65 ޤައުމެއްގައި ޕްރޮފެޝަނަލީ ކުޅޭ ޑޮޖް ބޯލްއަކީ ދިވެހިން ކުޅެމުން އަންނަ ފައިގަތަޅާ އާއި ވަރަށް އެއްގޮތް ކުޅިވަރެކެވެ.