ކިންޑަރ ޕްރީސްކޫލްގެ 2017 ވަނަ އަހަރުގެ ދަސްވެނިވުން ބާއްވައިފިއެވެ. މިރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެސްކޫލުން 105 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީގެ އިތުރުން ޤުރުއާން ހިތުދަސްކުރުމުގެ ޝަޢުގު ދަރިވަރުންގެ ހިތުގައި އަށަގަންނެވުމުގެ މަޤުސަދުގައި ކިންޑަރ ޕްރީސްކޫލުން ފަށާފައިވާ "ހިފްސު" ޕްރޮގްރާމްގެ ދަށުން މިއަހަރުވަނީ 30 ދަރިވަރަކު ޢައްމާ ފޮތް ނުބަލާ ދަސްކޮށްފައެވެ. އަދި މި ރޮގުން އިތުރަށް ދަރިވަރުން ކުރިއަށްގެންދިޔުމުގެ މަސައްކަތުގެތެރެއިން އިތުރު 7 ދަރިވަރަކު ވަނީ ޢައްމާފޮތް ނިންމާ އިތުރު ފޮތްތައް ދަސްކުރުމުގެ ޝަރަފު ޙާސިލުކޮށްފައެވެ.
ކިންޑަރ ޕްރީ ސްކޫލްގެ 2017 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ ކިންޑަރ ޕްރީސްކޫލަށް ދަރިވަރުން ފޮނުވާއިރު އޮންނަ އެންމެ ބޮޑު ޔަޤީންކަމަކީ ދަރިވަރުންނަށް އިސްލާމީ ރިވެތި ތަރުބިއްޔަތާއި އަޚުލާގު ދަސްކޮށްދީ ރަނގަޅު ބިންގަލެއް ދަރިވަރަށް ލިބިގެންދާނެކަމުގެ ޔަގީންކަން ކަމަށެވެ. އަދި ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތެއް ދެއްވުމުގައި ކިންޑަރ ޕްރީސްކޫލަކީ ނަމޫނާ ސްކޫލެއްކަމަށް އިކުރާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިސްކޫލަށް އަޅުގަނޑުމެންގެ ކުދިން ގެންނައިރު އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ޔަޤީންކަމަކީ ވަރަށް ރަނގަޅަށް އެކުދިންނަށް ކިޔަވާ ދެއްވާ ވަރަށް ރަނގަޅަށް ކުދިންގެ ކަންތައްތައް ބަލަހައްޓަވާ އަދި ކުދިންނަށް އިސްލާމީ އަޚްލާޤާއި ތަރުބިއްޔަތާއި އެކުދިން ގްރޭޑް އެކަކަށް ދާން ބޭނުންވާނެ ތަޢުލީމު އެކުދިންގެ ޕްރީސްކޫލް މަރުހަލާގައި ދެއްވުމަށް މަސައްކަތް ސްކޫލުން ކުރައްވާކަން." އިކްރާމް ވިދާޅުވިއެވެ.
2009 ވަނަ އަހަރު ޓިއުޝަން ސެންޓަރެއްގެ ގޮތުގައި ފެށި ނަމަވެސް ޕްރީ ސްކޫލެއްގެ ގޮތުގައި ކިންޑަރ ޕްރީސްކޫލް ހިންގަންފެށީ 2013 ވަނަ އަހަރުގައެވެ. މިސްކޫލްގައި 420 ދަރިވަރުން ތަޢުލީމު ޙާސިލުކުރަމުންދެއެވެ.