ޚަބަރު

ހއ ދިއްދޫގައި ޤައުމީ ދުވަސް ފާހަގަކޮށްފި


ޤައުމީ ދުވަހާ ގުޅުވައިގެން ހއ ދިއްދޫގައި ހަވީރެއް ބާއްވައިފިއެވެ. 

މޯލްޑިވްސް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ބައެއް ދަރިވަރުންނާއި ބެލެނިވެރިން އިސްނަގައިގެން ބެއްވި މި ހަވީރުގައި ތަފާތު ކުޅިވަރުތަކާއި ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ. ހުރިހާ އުމުރު ފުރާއެއްގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވި މިހަވީރަކީ މިހާތަނަށް އެރަށުގައި ބޭއްވި އެންމެ ކުލަގަދަ އެއްހަރަކާތްކަމަށް ދިއްދޫ ރަށުކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ އަބްދުލް ލަތީފު ހަސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދިއްދޫގައި މިފަދަ ހަރަކާތްތައް ކުރިއަށްގެންދެވެނީ ވަރަށް މަދުންކަމަށާއި އެހެންނަމަވެސް ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި މި ހަރަކާތަކީ ރަށުގެ ކުޑަ ބޮޑު އެންމެންނަށް ބައިވެރިވޭ ގޮތަށް ކުރިއަށްގެންދިޔަ މުހިންމު އަދި ކާމިޔާބު ހަރަކާތެއްކަމަށެވެ.

މި ހަވީރުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއިރު، އެ ފަރާތްތަކުން ބުނީ މިއީ ގުޅުން ބަދަހީކުރުމަށް ކުރެވުނު މުހިންމު ކަމެއްކަމަށާއި، މިކަމާ އުފާކުރާކަމަށެވެ.

ދިއްދޫ ހުޅަނގުފަރާތު ގޮނޑުދޮށުގައި ކުރިއަށްގެންދިޔަ މި ހަރަކާތަށްފަހު، ދިވެހި ދިދަ ރަމްޒުކޮށްދޭގޮތަށް 300 ދަރިވަރުން ހިމެނޭގޮތަށް ދިދަ ކުރަހެމުގެ ހަރަކާތެއް ކުރިއަށް ގެންދިޔައެވެ.