ދުނިޔެ

ލުބްނާނުގެ ވަޒީރު ޤާހިރާއަށް ވަޑައިނުގަންނަވާނެ- ރިޕޯޓުތައް


މިސްރުގެ ޤާހިރާގައި ބާއްވާ އަރަބި ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމަށް ލުބްނާނުގެ ޚާރިޖީ ވަޒީރު ޖުބްރާން ބާސިލް ޙާޒިރުވެވަޑައިނުގަންނަވާނެ ކަމަށް ބުނާ ޚަބަރުތަކެއް ޢާއްމުވަމުން އެބަދެއެވެ.

އާދީއްތަ ދުވަހު ޤާހިރާގައި ބާއްވާ ޢަރަބި ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުގައި ޚާރިޖީ ވަޒީރު ޖުބްރާން ބާސިލް ބައިވެރިވެވަޑައިނުގަތުމަކީ އެކަށީގެންވާ ކަމެއްކަމަށް ލުބްނާނުގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. ނަމަވެސް ބާސިލް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ސަބަބު ލުބްނާނުގެ ޚާރިޖިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.

ޢަރަބި ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައިވަނީ ސައޫދީ އަރަބިޔާއިންނެވެ. އެ ބައްދަލުވުން ބޭއްވުމުގެ ބޭނުމަކީ އީރާނުން ޢަރަބި ޤައުމުތަކަށް ހިންގާ ބާރާއި ނުފޫޒުގެ ސަބަބުން ޢަރަބި އުއްމަތަށް ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް ޢަރަބިން ސާބިތުވެ ތިބިކަން ހާމަކުރުންކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ. ސައޫދީ ޢަރަބިޔާގެ ގޮވާލުމަށް ޔޫއޭއީ އާއި ބަހްރެއިން ތާއީދުކޮށްފައިވާއިރު، މިސްރުންވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އަރަބި ޚާރިޖީ ވަޒީރުންނާއި މަންދޫބުން ޤާރިހާއަށް ދަތުރުކުރައްވަމުން ގެންދަވާކަން ހާމަކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ލުބްނާނުގެ ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިނުގަންނަވަނީ، ސައޫދީގައި ހުންނަވައިގެން އެ ޤައުމުގެ ބޮޑުވަޒީރު ސަޢުދުލްހަރީރީ އިސްތިއުފާދެއްވި މައްސަލައިގައި ސައޫދީ އާއި ލުބްނާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުންކަމަށް ރިޕޯޓްތައް ބުނެއެވެ.