ދުނިޔެ

ސައޫދީ ސަރުކާރުން އިތުރު ބަޔަކު ހައްޔަރުކޮށްފި


ކޮރަޕްޝަނާ ދެކޮޅަށް ސައޫދީ ސަރުކާރުން ކުރިއަށްގެންދާ ކޭމްޕޭންގެ ތެރެއިން، ސައޫދީ ޢަރަބިޔާގެ އަސްކަރިއްޔާގެ އިސް އޮފިސަރުންތަކެއް ހައްޔަރުކޮށްފިއެވެ. ދިފާޢީ ވުޒާރާގެ އިސް މަޤާމުތަކެއް ފުރުއްވާ އަސްކަރީ ސާދަ އޮފިސަރުންނާއި ސައޫދީ ނެޝަނަލް ގާޑުގެ ލަޝްކަރުގައި ހިމެނޭ ދެ އޮފިސަރުން ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާކަމަށް، ނަން ހާމަކުރަން ނޭދޭ ސައުދީ މަސްއޫލުވެރިއެއް ވިދާޅުވިއެވެ.

ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ދާދިފަހުން އެކުލަވާލެއްވި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ކޮމިޓީން ގެންދަނީ، ސައޫދީ ޝާހީ އާއިލާގެ ބައެއް އަމީރުންނާއި، ކުރީގެ ބައެއް ވަޒީރުން އަދި ސައޫދީ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މަތީ ފެންވަރުގެ ގިނަ ޢަދަދެއްގެ ބޭފުޅުންގެ ކޮޕަރްޝަންގެ މައްސަލަތަކެއް ބަލައި ތަޙުޤީޤުކުރަމުންނެވެ. މިއާއެކު ސައުދީ ސަރުކާރުން ކުރިއަށްގެންދާ ކޮރަޕްޝަނުގެ ތަޙުޤީޤުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބޭފުޅުންގެ ޢަދަދު ދުއިސައްތައަށްވުރެ އިތުރުކަން ސައޫދީ ސަރުކާރުންވަނީ ކަށަވަރުކޮށްދީފައެވެ.

އޭގެތެރެއިން ބައެއް ބޭފުޅުންގެ އެކައުންޓްތަކާއި މުދާ މިހާރު ހިފަހައްޓާފައިވާއިރު، ސައޫދީ ޢަރަބިޔާގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ކޮމިޝަނުން ވަނީ، އެ ބޭފުޅުން ޚިޔާނާތްވެފައިވާ ފައިސާ ދައުލަތަށް އަނބުރާ ދައްކައިފިނަމަ މައްސަލަ ޝަރީޢަތަށް ނުފޮނުވާ ހައްލުކުރެވިދާނެކަން ހާމަކޮށްފައެވެ. ހައްޔަރުކޮށްފައިވާ ބޭފުޅުން ދައުލަތަށް ޚިޔާނާތްތެރިވެފައިވާ ޖުމުލަ މިންވަރު، ސަތޭކަ ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށް ސައޫދީ މަސްއޫލުވެރިން ވިދާޅުވެއެވެ.

ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ސައޫދީ އެތައް މަސްއޫލުވެރިން، އަދިވެސް ސަރުކާރުގެ އިސް މަޤާމުތަކުގައި އެބަތިއްބެވި ކަމަށާއި، އެ ބޭފުޅުންނާ ހަމައަށްވެސް އިންސާފުގެ އަތް ފޯރާނެކަމަށް، ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ.