ކުޅިވަރު

އޭވީސީ ބޯޑަށް އިންތިޚާބުވުމުން ލަތީފްގެ އަމާޒު ޤައުމީ ޓީމްތަކަށް!


ތަނަވަސްވެގެން ދިޔަ ފުރުޞަތުގެ ތެރެއިން ޤައުމީ ޓީމްތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިޚާބުވިތާ އަހަރެއްގެ ތެރޭގައި އޭޝިޔަން ވޮލީބޯޅަ ކޮންފެޑެރޭޝަންގެ ބޯޑް މެމްބަރުކަމަށް އިންތިޚާބުވި މުޙައްމަދު ލަތީފް ވިދާޅުވީ މިއީ ރާއްޖޭގެ ވޮލީބޯޅައަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށާއި، ހަމަ އެހެންމެ ބޮޑު ޒިންމާއަކާއެކު ލިބުނު މަޤާމްގެ ބޭނުންކުރައްވައިގެން ރާއްޖޭގެ ވޮލީބޯޅަ ކުރިއަރުވަން އިތުރު އެހީތައް ހޯދާ، އިތުރު މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އެގޮތުން ބާރަ އަހަރުން ފެށިގެ އުމުރު ފުރާގެ ޓީމްތައް އެކުލަވާލާ، އެޓީމްތަކަށް ފުރުޞަތު ހޯއްދަވައިދެއްވުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށް ލަތީފް ވިދާޅުވިއެވެ.

" މިފުރުޞަތު ލިބުމުން ޔަޤީނުންވެސް ގިނަ ޤައުމުތަކުގެ އެސޯސިއޭޝަންތަކުގެ ރައީސުންނާ އަޅުގަނޑާ ބައްދަލުވާނެ. އޭވީސީއާއި އެފްއައިވީގެ ބޭފުޅުންނާ ބައްދަލުވާނެ. އެލިބޭ ފުރުޞަތުތަކުގައި އަޅުގަނޑު މަސައްކަތް ކުރާނަން އެކްސްޗޭންޖް ޕްރޮގްރާމްތައް ހޯދުމަށާއި، ތަމްރީންގެ ގުރުޞަތުތައް ހޯދަން. ކުޅުންތެރިން ތަމްރީން ކުރަން ބޭރަށް ފޮނުވަން. ބާރަ ަހަރުން ފެށިގެން ޤައުމީ ޓީމްތައް އެކުލަވާލާ އެޓީމްތަކަށް އަޅުގަނޑު އިތުރު ސަމާލުކަމެއް ދޭނަން " ކޮންގްރެސްއަށްފަހު ލަތީފް ވިދާޅުވިއެވެ.

ލަތީފްގެ މަސައްކަތްތައް ބައްޓަންކުރައްވާ އަމާޒު ހުރީ އެފްއައިވީބީގެ ރައީސް ޑޮކްޓަރ އަރީ ޑަ ސިލްވާގެ ވާހަކަތަކުގެ މިސްރާބަށެވެ. ކޮންގްރެސްގައި އޭޝިޔާގެ ޤައުމުތަކާ މުޙާތަބުކުރައްވާ އޭނާ ވިދާޅުވީ އޭޝިޔާގެ ވޮލީ ކުރިއަށްގެންދަން ޤައުމީ ޓީމްތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން، މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ. މި ނޮވެމްބަރު މަހުގެ ފަނަރަ ވަނަ ދުވަހު ތައިލެންޑްގައި އޮތް ކޮންގްރެސްއަށްފަހު ޕީއެސްއެމް ސްޕޯރޓްސްއާ ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ޤައުމުތަކުގެ އެސޯސިއޭޝަންތަކާއި، ރައީސުނުންނާ ގުޅުން ބަދަހި ކުރައްވާ އޭވީސީއާއި އެފްއައިވީބީން އިތުރު އެހީތައް ހޯދަން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ވޮލީބޯޅައިގައި ރާއްޖެ އޮންނާނީ އަބަދުވެސް ހަރަކާތްތެރި ޤައުމެއްގެ ގޮތުގައިކަމަށެވެ. 

img:http://s1.psmnews.mv/images/660x400/15110745215031.JPG|ކޮންގްރެސްގެ ތެރެއިން ލަތީފް އެފްއައިވީބީގެ ރައީސްއާއެކު: ފޮޓޯ-ޕީއެސްއެމް

ކޮންގްރެސްއަށްފަހު އޭވީސީގެ ސެންޓްރަލް ޒޯންގެ އެކްޓިންގ އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓް މުހައްމަދުރިޒާ ވަނީ ރާއްޖޭގެ ވޮލީއަށާއި، ވޮލީބޯޅަ އެސޯސިއޭޝަނަށް ތައުރީފްކުރައްވާފައެވެ. ޕީއެސްއެމް ސްޕޯރޓްސްއަށް ދެއްވި އެކްސްކްލޫސިވް އިންޓަރވިއުއެއްގައި އޭނާ ވިދާޅުވީ ރާއްޖޭގެ ފެންނަނީ ވޮލީގައި ހަރަކާތްތެރިކޮށްކަމަށާއި، ލަތީފް ގޮނޑިއަށް އިންތިހާބުވުމުން އިތުރަށް ހަރަކާތްތެރިވާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ރާއްޖެއާވެސް ގުޅިގެން އޭޝިޔާގެ ވޮލީ އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތްތައް ކާމިޔާބުވާނެކަމަށެވެ. އޭނާ ވަނީ ލަތީފް ގޮނޑިއަށް އިންތިހާބުވުމުން މަރުހަބާ ދަންނަވާފައެވެ.

" ލަތީފްއަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން. މިކާމިޔާބީއާއެކު ރާއްޖޭގެ ހަރަކާތްތެރިކަން އިތުރުވެ، އިތުރު އިވެންޓްތައް ހޮސްޓްކުރާނެކަމަށް ޤަބޫލުކުރަން. ރާއްޖެއާ ގުޅިގެން އިތުރު ކުރިއެރުން ހޯދޭނެ. " އޭނާ ވިދާޅުވިއެވެ.

މުޙައްމަދު ލަތީފް ގޮނޑިއަށް އިންތިޚާބުވީ ކުރިން އެމަޤާމްގައި ހުންނެވި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޒުގެ މަޤާމް ގެއްލުމުން، ހުސްވި ޖާގައަށެވެ. ހުރިހާ މެމްބަރުންގެ ތާއީދު ކޮންގްރެސްގައި ލަތީފަށް ލިބުނެވެ. ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށްވެސް ލަތީފް އިންތިޚާބުވީ މުޙައްމަދު ރިޔާޒުގެ ގޮނޑި ގެއްލުމުންނެވެ.

ނޮވެމްބަރު ފަނަރަ ވަނަ ދުވަހު އޮތް ކޮންގްރެސްގައި ރާއްޖެ ތަމްޝީލްކުރެއްވީ ރައީސް ލަތީފްގެ އިތުރުން ޖެނެރަލް ސެކެޓްރީ އަހުމަދު އަދީލްއެވެ. މީގެއިތުރުން ޓެކްނިކަލް ޑައިރެކްޓަރ އިބްރާހީމް ޖަލީލްއާއި، ޕީއެސްއެމް ސްޕޯރޓްސްއާއި ވީމީޑިޔާވެސް ބައިވެރިފީ އޮފިޝަލް ޑެލިގޭޓްސްގެ ގޮތުގައެވެ.