ކުޅިވަރު

ރިއަލް މޮޅުނުވެ، ބާސާގެ ލީޑް 10 ޕޮއިންޓަށް!


ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑް ރޭ 0-0 ން އެއްވަރުވުމުން ބާސެލޯނާ އަށް ލިބުނު 10 ޕޮއިންޓްގެ ލީޑަކީ އެއްވެސް އެއްޗެއްނޫން ކަމަށް ކޯޗު އެސްޓޯނިއޯ ވަލްވާޑޭ ބުނެފިއެވެ.

ލެގަންސް އަތުން 3-0 ން މޮޅުވި މެޗަށް ފަހު ކޯޗު ބުނީ ބޮޑު ލީޑެއް ލިބުނަސް އޭނާ އެކަމާ ނުވިސްނާ ކަމަށެވެ. ސަބަބަކީ ސީޒަނުގައި ބާކީ އަދިވެސް ގިނަ އަދަދަކަށް މެޗުތައް ހުރުން ކަމަށެވެ.

ކޯޗު ބުނީ ރޭގެ މެޗުން މޮޅުވި ނަމަވެސް ޓީމުގެ ކުޅުން ރަނގަޅު ނޫން ކަމަށެވެ. އަދި ޖެރާޑް ޕީކޭ އަށް ދެއްކި ރީނދޫ ކާޑާމެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށްވެސް ކޯޗު ބުންޏެވެ. މިއީ ޕީކޭ ސީޒަނުގައި ހޯދި ފަސް ވަނަ ކާޑެވެ. މިހެންވެ ކުރިއަށް އޮތް ވެލެންސިއާ މެޗަށް އޭނާ ސަސްޕެންޑްވާނެއެވެ. ވެލެންސިއާ އަކީ ބާސެލޯނާގެ ފަހަތުން ޓޭބަލުގެ ދެ ވަނާގައިވާ ޓީމެވެ. ކޯޗު ބުނީ ޑިފެންސް ލައިން ރޮޓޭޓް ކުރި ނަމަވެސް އޭގެ މާބޮޑު ފައިދާއެއް އަދި ނުފެންނަ ކަމަށާއި، ނަމަވެސް ގޯލްކީޕަރު މާކް އަންދްރޭ ޓާސްޓެގަން ދައްކާ ކުޅުމާމަދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ.

ރޭގެ މެޗުގައި ބާސެލޯނާ އަށް ގޯލު ޖަހައިދިނީ އުތުރު އެމެރިކާގެ ތިން ކުޅުތެރިންނެވެ. އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް އާއި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ގޯލު ޖެހުމަށްފަހު، ފަހު ލަނޑު ޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަަރު ޕައުލީނިއޯއެވެ.

ބާސެލޯނާ އަށް 10 ޕޮއިންޓްގެ ލީޑެއް ލިބުނީ ރެއާލް މެޑްރިޑް ކުޅުނު މެޗު އެއްވަރުވުމުންނެވެ. ރެއާލް އާއި އެތްލެޓިކޯ 24 ޕޮއިންޓުން އެއްވަރުވެ، ގޯލުގެ ތަފާތުން ދެ ވަނަ ރެއާލް އަށް ލިބޭއިރު އެއްވަނާގައި ބާސެލޯނާ އޮތީ 37 ޕޮއިންޓާއެކުއެވެ.