ޚަބަރު

ބޮޑުތަކުރުފާނުގެ ޝަޚްސިއްޔަތު އޮޅުވައެއް ނުލެވޭނެ- ޑރ ޒިޔާދު


ޤައުމީދުވަސް އެދުވަހަކަށް ނިސްބަތްވެ ވަޑައިގަންނަވާ، އުތީމު ބޮޑުތަކުރުފާނުގެ ޝަޚްސިއްޔަތު އޮޅުވާލުމަށްޓަކައި މިއަދުވެސް ބައެއް ބޭފުޅުން މަސައްކަތް ކުރަމުންދާކަމަށާއި، މިއީ ހިތާމަކުރަންޖެހޭ ކަމެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒިޔާދު މިހެން ވިދާޅުވެފައިވަނީ، ޤައުމީ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް ފެށުމުގެ ގޮތުން، މިއަދު ފަތިސް ނަމާދަށްފަހު ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން އިސްލާމީ މަރުކަޒުގައި ބޭއްވި ދީނީ ނަސޭހަތް ދިނުމުގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ޑރ.ޒިޔާދު ވިދާޅުވީ އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނާއި ބެހޭގޮތުން ތަފާތު އެކިއެކި ވާހަކަތައް ދެކެވެމުންދާކަމަށެވެ. މިގޮތުން ބޮޑު ތަކުރުފާނަކީ އިލްމެއް ނެތް ބޭކަލެކޭ ކިޔައި ވާހަކަތައް ދައްކާއިރު، ބޮޑު ތަކުރުފާނުގެ ވާހަކަތަކަކީ، ޚިޔާލީ ދުނިޔެއެއްގައި ބަޔަކު ލިޔެފައިވާ ޚިޔާލީ ވާހަކަތަކެއްކަމަށް ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުން ދާކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ ޒިޔާދު ވިދާޅުވީ، އެފަދަ ވާހަކަތައް ފަތުރަނީ، މިޤައުމުގެ ތާރީޙް އޮޅުވާލުމަށްޓަކައި ކަމަށާއި، މިއީ ޤައުމުގެ ޝަރަފާއި ކަރާމާތް އޮޅުވާލުމަށްޓަކައި ބަޔަކު ފަތުރަމުންދާ ޕްރޮޕެގެންޑާއެއްކަމަށެވެ.

މުޙައްމަދު ތަކުރުފާނަކީ ދިވެހިންގެ ކާބަފައިންގެ ތެރެއިން ހިމެނިގެންދިޔަ ޤައުމީ ބަޠަލެއްކަމަށާއި، މިޤައުމުގައި އޮތް އިސްލާމްދީން ހިމާޔަތްކުރުމަށްޓަކައި ފަހުގެ ތާރީޚެއްގައި އެންމެ ވަރުގަދަ އެއް ޖިހާދެއް ކުރެއްވި ބޭފުޅަކީ އުތީމް ބޮޑު ތަކުރުފާނުކަން ދިވެހި ތާރީޚް ހެކި ދޭކަމަށް މިނިސްޓަރު ޒިޔާދު ވިދާޅުވިއެވެ.

" މުޙައްމަދު ތަކުރުފާނަކީ އޭރު ރާއްޖެއިން ލިބެން އޮތް އެންމެ މަތީ ދަރަޖައަކަށް ތަޢުލީމް ހާސިލްކުރައްވައިގެން ހުންނެވި ބޭކަލެއް. އެހެންވެގެން ޤައުމު ފަތަހަ ކުރެއްވުމަށްފަހު، އެނބުރި ރާއްޖޭގެ ރަސްކަމަށް ވަޑައިގެން ރާއްޖެއަށް އޭރު ވަޑައިގެންނެވި އެންމެ ފުރަތަމަ ރާއްޖޭގެ ދީނީ އިލްމް ވެރިޔާ، ވާދޫ ދަންނަ ކަލޭފާނަށް އައްޝައިޚް މުޙަންމަދު ޖަމާލުއްދީނަށް ދިވެހި ދައުލަތުގެ މަތިވެރި ޝަރަފާ ޤަދަރު އެރުވީ." އިސްލާމިކް މިނިސްޓަރު ޑރ އަޙްމަދު ޒިޔާދު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު އަޙްމަދު ޒިޔާދު ވަނީ ބޮޑު ތަކުރުފާނު، ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްލާމީ ވަޙުދަތު ދެމެހެއްޓުމަށްޓަކައި ކުރެއްވި ބައެއް މަސައްކަތްޕުޅުތައް ދަރިވަރުންނާއި ހިއްސާކުރައްވާފައެވެ.

ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ވަނީ މާލޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުން ބޮޑު ޖަމާއަތެއްގައި ފަތިސް ނަމާދުކޮށްފައެވެ.

އުތީމް ބޮޑުތަކުރުފާނަށް ނިސްބަތްވާ މިސްކިތް، (މަސްޖިލް އަލް ސުލްތާން މުޙަންމަދު ތަކުރުފާނުލް އަލް އައުޒަމް) އިސްލާމީ މަރުކަޒުގައި ފަތިސް ނަމާދަށްފަހު ބޭއްވި ދީނީ ނަސޭހަތް އަޑުއެހުމަށް މާލޭގެ ގިނަ ސްކޫލްތަކެއްގެ ދަރިވަރުން ހާޒިރުވެފައިވެއެވެ. ޤައުމީ ދުވަސް ފާހަގަކުރަނީ، ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލު މަހުގެ ފުރަތަމަ ދުވަހުއެވެ.

މި ދުވަސް ފަހަގަކުރަނީ، ޕޯޗުގީޒުންގެ 15 އަހަރުވީ އަނިޔާވެރި ވެރިކަމުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމަށް އުތީމު މުޙައްމަދުތަކުރުފާނު ކުރެއްވި ޖިހާދުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.