ދުނިޔެ

ފަލަސްތީނުގެ ޑިޕްލޮމެޓިކް އޮފީހުގެ މައްސަލަ ހޫނު ވަނީ


އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ފަލަސްތީނުގެ ޑިޕްލޮމެޓިކް އޮފީސް ބަންދު ނުކުރުމަށް ފަލަސްތީނުގެ ސަރުކާރުން އެމެރިކާއަށް އިލްތިމާސްކޮށްފިއެވެ.

ވޮޝިންޓަންގައި ހުންނަ ފަލަސްތީނުގެ ޑިޕްލޮމެޓިކް އޮފީސް ބަންދުކޮށްފިނަމަ، އެކަމުގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށާއި، އެއީ އެމެރިކާ އާއި ފަލަސްތީނުގެ ތާރީޚުގައި އެމެރިކާ އަޅާ އެންމެ ގޯސް އެއް ފިޔަވަޅަށް ވެގެންދާނެކަމަށް ފަލަސްތީނުގެ ރިޔާސީ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވިދާޅުވިއެވެ.

އަދި އެ ކަމުގެ ސަބަބުން އިސްރާއީލާއި ފަލަސްތީނުގެ ސުލްޙައަށްވެސް ނޭދެވޭ އަސަރު ކުރާނެކަމަށް އަބޫ ރުދައިނާ ވިދާޅުވިއެވެ. ފަލަސްތީނުން މިހެން ބުނީ، އެމެރިކާ ބޭނުންވާގޮތަށް ފަލަސްތީނުން އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް ފެށުމަށް ފަލަސްތީނުން ދެކޮޅު ހަދާނަމަ ވޮޝިންޓަންގައި ހުންނަ ފަލަސްތީނުގެ ޑިޕްލޮމެޓިކް އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު އެމެރިކާ ސަރުކާރުން ދިނުމާގުޅިގެންނެވެ.

ވޮޝިންޓަންގައި ހުންނަ ފަލަސްތީނުގެ ޑިޕްލޮމެޓިކް އޮފީހަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ދީފައިވާ ހުއްދައަކީ ކޮންމެ ހަމައަކުން އެއްފަހަރު އާކުރަންޖެހޭ ހުއްދައެކެވެ.