ޚަބަރު

"ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު އިފްތިތާޙުކުރުން މިރޭ"


ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ "ހިޔާ" މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރުން މިރޭ އޮންނާނެއެވެ.

މި ރަސްމިއްޔާތުގައި "ހިޔާ" މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާ، މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މިއީ ގާތްގަނޑަކަށް 100 ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމަވާފައިވާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީ ކުރާ ހައުސިންގ ޔުނިޓްތަކަކީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ވަޢުދާއި ހަމައަށް ވާސިލްވުމަށް އަޅާ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި، މިއީ މުޅި ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ކުރިއަށް ނުގެންދާވަރުގެ ބިޔަ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.

"ހިޔާ" މި މަޝްރޫޢަކީ ސަރުކާރު ކުންފުނިތަކާއި، ބައެއް މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ސަރުކާރުގެ ގިނަ ކުންފުނިތަކަކާއި އޮފީސްތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެފަރާތްތަކުގެ ޢާއިލާތަކުގެ އިތުރުން، އާއްމުންގެ އެތައް ރައްޔިތުންނަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް، ބޮޑު ހައްލެއް ލިބިގެންދާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.