މިހާރު ޢަމަލުކުރަމުންދާ އާޤާނޫނު އަސާސީގެ ދަށުން، ހޯދި އެންމެ ފުރިހަމަ ކާމިޔާބީތަކާއެކީގައި އެންމެ ދިގުމުއްދަތެއްގައި ވެރިކަން ކުރައްވައި، އަދި މި ޤައުމަށް ކުރިއެރުންތަކެއް ހޯއްދަވައިދެއްވި ހަމައެކަނި ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުކަމަށް ޑިފެންސްމިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ޑިފެންސްމިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރަށް ހަތަރުއަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޙާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބާގައި ބެއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިފަދަ އުފާވެރި ހަފްލާއެއް ބާއްވަމުންދާއިރު، ޤައުމަށް ލިބިގެންދިޔަ ކުރިއެރުންތަކާއި، މިކަމުގައި ޙިއްސާވާ ހުރިހާ ފަރާތްތައް މިކަމުގައި ޝާމިލްވެ އުފާ ފާޅުކުރަމުންދާނެކަމަށެވެ. އަދި މިކަމުގެ އެންމެ ބޮޑު ހިތްހަމަޖެހުމެއް ޝައްކެއްވެސް ނެތްގޮތުގައި އޮތީ ރައްޔިތުންނަށްކަމަށާއި، އެކަމުގެ ހުރިހާ ޤުރުބާނީއެއް ވެވަޑިގެންނެވި ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ވިދާޅުވިއެވެ. މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މި ކުރިއެރުމުގެ އެންމެ ބޮޑު ޙިއްޞާއެއް އޮތީ ރައްޔިތުންގެ އަތްމަތީގައިކަމަށެވެ.
މި ޤައުމަށް ލިބިގެންދިޔަ ތަހުޒީބާއި ތަރައްޤީގެ އިތުރުން ޤައުމަށް ލިބިގެންދިޔަ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އެންމެ ބޮޑު ޙިއްސާއެއް ވެވަޑައިގެންނެވި އެއްބޭފުޅަކީ އަޅުގަނޑުމެންގެ ތެރޭގައި އެކަހެރިވެ، މާޔޫސްވެ، އަޅާލާނެމީހަކު ނެތި ތިބި އެތައްބަޔަކަށް އޯގާތެރިކަމުގެ އަތެއް ދިއްކޮށްލެއްވި ރާއްޖޭގެ މަހާރެހެންދި ފާޠިމަތު އިބްރާހީމްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ، ދިހަ އަހަރުދުވަސް ވަންދެން އޮތް ސިޔާސީ ހަމަނުޖެހުމުގެ ތެރެއިން ޤައުމު ހަލަބޮލިވެފައިވާ ދުވަސްވަރެއްގައިކަމަށެވެ. އަދި އެ ދުވަސްވަރު މަގުމަތީގައި އޮތީ މުޒާހިރާކަމަށާއި، މީހުންގެ ތެރޭގައި ނޭތްގާނީ ބަދުބަސް ބުނުމާއި ބައިބައިވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިއަދު ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް މިވަނީ އަޅުގަނޑުމެންގެ ޤައުމުގައި އިޖްތިމާއީ ޢަދާލާތު ޤާއިމްކޮށްދެއްވާފައި. އަޅުގަނޑުމެންގެ ތެރޭގައި އުފާވެރިކަމާއި ހިތްހަމަޖެހުމާއެކީގައި އުޅެވޭނެ މާޙައުލެއް މިއަދު މިވަނީ ޤާއިމްކޮށްދެއްވާފައި. ތަފާސްހިސާބުތަކުން ދައްކާގޮތުން 2011 ވަނަ އަހަރުން ފެށިގެން މިހާހިސާބަށްއައިރު ރާއްޖޭގައި ކުށްކުރުން މަދުކުރެވިފައިވާކަން ރެކޯޑްތަކުން ފެންނަން އެބައޮތް. ހަމައެއާއެކު އަޅުގަނޑުމެންނަށް ފާހަގަވެގެންދާ އަނެއްކަމަކީ އަޅުގަނޑުމެންގެ ޤައުމުގެ އެކިއެކި ރައްޔިތުންގެ ހައްޤުތައް ހޯދައިދެއްވުމަށް ކުރެއްވި މަސައްކަތްތައް ވަރަށްބޮޑަށް ކުރިއަރައިގެން ދިޔަތަން. " ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
ކޮންމެ ޤައުމެއްގައިވެސް ތަރައްޤީއާއި ގުޅުން އޮތް އެންމެބޮޑު އެއްކަމަކީ ތަޢުލީމުކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ތަޢުލީމަކީ ތަރައްޤީގެ ބިންގާކަމަށްވެގެންދާއިރު ރަޢުލީމަށްޓަކައި ރައީސް ޔާމީން ރައްޖޭގެ ތަޢުލީމަށް އިންޤިލާބީ ބަދަލެއް ގެންނަވަމުންދާކަމަށެވެ.
"އެމަނިކުފާނު ވަނީ ތަޢުލީމީ މަރުހަލާގެ ޤައުމީ އައު މަންހަޖެއް ތަންފީޒުކުރައްވަން ފަށްޓަވާފައި. މުޅިން އައު ޔުނިވަރސިޓީއެއް ޤާއިމްކޮށްދެއްވައިފި. މަސައްކަތްތެރިކަމުގެ ތައުލީމް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރަފްކޮށްދެއްވައިފި. މުދައްރިސުންގެ މުސާރަ މަތިކޮށްދެއްވައިފި. އަދި މިވަނީ މުދައްރިސުންގެ ތަޢުލީމީ ފެންވަރު ޑިގްރީ ފެންވަރަށް މަތިކުރުމަށް މަސައްކަތް ފަށްޓަވާފައި. އެ އަމާޒު ހިއްޕަވާފައި. މިއިން ދޭހަކޮށްދެނީ ރާއްޖޭގެ ދަރިވަރުންގެ ތަޢުލީމް ތަރައްޤީކުރުމަށްޓަކައި ރައީސް ޔާމީންގެ ޒައާމަތުގައި ދެއްވާފައިވާ އަހައްމިއްޔަތުކަން. " ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަމަށް އައިއިރު ރާއްޖޭގެ ޞިއްޙީ ނިޒާމް ބޮއްސުންލާފައި އޮތް މިންވަރު ފާގަކުރައްވައި، އެކަންކަން ހައްލުކޮށްދެއްވުމަށް ރައީސް ޔާމީން ކުރެއްވި މަސައްކަތް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
" ރައީސް ޔާމީނުގެ ވެރިކަމުގެ ކުރިން ސިއްހީ ނިޒާމް އޮތީ ބޮއްސުން ލާފައި. އެހެންނަވަމެވެސް ރައީސް ޔާމީން ވަނީ މިކަންކަން ހައްލުކޮށްދެއްވާފައި. އެގޮތުން ސީ އެމްބިއުލާންސްގެ އެހީގައި މިހާތަނަށް ދިހަހާސް ފަސްސަތޭކައަށްވުރެ ގިނަ ޢާއިލާއަށް ސީއެމްބިއުލާންސްގެ ޚިދުމަތް ވަނީ ދީފައި. 66 ކިޑްނީ 34 ބޯންމެރޯ އަދި 4 މީހަކުގެ ލިވަރ ބަދަލުކޮށްފައިވޭ. އައިޖީއެމްއެޗްގެ ކާޑިއެކް ސެންޓަރުން 21471 މީހަކަށްވަނީ ހިދުމަތްދީފައި. " މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި، ސަރުކާރާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރައްވައި ބަދަހި ކޮށްދެއްވުމުގައި މަހާ ރެހެންދި ފާތިމަތު އިބްރާހިމްގެ އަދާކުރައްވަމުން ގެންދަވާ އިސްރޯލު ފާހަގަކުރައްވާފައިވެއެވެ. އަދި މިއީ އެކަމަނާ ކުރައްވަމުން ގެންދަވާ ޤައުމީ ޚިދުމަތެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.