ސިއްހަތު

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބައިސްކަލް ބުރެއް ބާއްވައިފި


ޒުވާނުންގެ ދުވަހާ ގުޅުވައިގެން މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއާއި ބައިކް މޯލްޑިވްސް ގުޅިގެން ބައިސްކަލު ބުރެއް ބާއްވައިފިއެވެ. މި ޙަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމްވަނީ ބައިވެރިވެވަޑައިގެންފައެވެ. 

ދަރުބާރުގެ ސަރަޙައްދުންފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްގެންދިޔަ މިޙަރަކާތުގައި އެކި ޢުމުރު ފުރައިގެ މީހުން ބައިވެރިވެފައިވެއެވެ. މި ޙަރަކާތުގައި ބައިކް މޯލްޑިވްސްގެ މެމްބަރުންގެ އިތުރުން ޔޫތް މިނިސްޓްރީގެ މުވައްޒަފުންނާއި ޢާއްމުން ވަނީ ބައިވެރިވެފައެވެ. މިޙަރަކާތުގައި ބައިވެރިވެވަޑައިގެން ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ދުޅަހެޔޮގޮތެއްގައި ތިބުމަށާއި ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމަކީ އެކަމާ ވަރަށް އުފާކުރައްވާކަމެއްކަމަށެވެ. އަދި ޒުވާނުންގެ ޢީދެއްގެ ގޮތުގައި މިމަހުގެ 23 ވަނަ ދުވަހު ކުރިއަށް ގެންދާ ޒަވިޔަނި ޔޫތް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓަރ ވަނީ މި ޙަރަކާތުގައި ބައިކް މޯލްޑިވްސްއަށް އަރުވާފައެވެ.

img:http://s3.psmnews.mv/images/660x400/15109316456497.jpg|މިއަދުގެ ޙަރަކާތުގެ ތެރެއިން -

"ބައިކް މޯލްޑިވްސްއަކީވެސް ވަރަށް ޒުވާނުންނަށް އެއްބާރުލުންދޭ ފަރާތެއް. އަދި ޚާއްސަކޮށް ޒުވާނުންގެ ދުވަހު ހުރިހާ އެންމެންގެ ހިތުގައިވެސް އޮތީ ޒުވާނުންގެ އުފާކަން މިކަމުން އެންގިގެން މިދަނީ. ދުޅަހެޔޮ ސިއްޙަތެއްގައި އަދި ޚައްސަކޮށް ތިމާވެއްޓާއި ރައްކާތެރިކުރުމަށް މަސައްކަތްކުރަންޏާ ބައިކް ދުއްވުމޭ، އަދި ޒުވާނުންގެ ދުވަހު މިފަދަ ޕްރޮގްރާމެއް ރާވާ ހިންގުމަކީ އެންމެ ފުންމިނުގެ އެނަރޖީ އޮފް ޒުވާނުން، ނުވަތަ ޒުވާނުންގެ ޙަކަތަ ދައްކައިދޭކަމެއް. މިފަހަރުގެ ޝިޢާރަކީވެސް ޒުވާނުންގެ ޙިއްސާ-ޤައުމުގެ ކުރިއެރުން." - މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ. 

ޔޫތް މިނިސްޓްރީއާއި ބައިކް މޯލްޑިވްސްގެ ބައިސްކަލް ބުރަކީ ޢާއްމުކޮށް ހުރިހާ ފަރާތަކަށްވެސް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޙަރަކާތެކެވެ. ދުވަހާ ގުޅޭ ދިދަ ތަކާއެކު ވަރަށް ފޯރީގައި ކުރިއަށްގެންދިޔަ މިޙަރަކާތުގައި ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ.