ސަރުކާރަށް 4 އަހަރުގެ ކާމިޔާބީ ފާހަގަކުރުުމަށް މިރޭ ކާނިވާ ސަރަޙައްދުގައި ބާއްވާ ޖަލްސާއަށް ގިނަ ބަޔަކު އިންތިޒާރުކުރަމުންދާާއިރު، މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޤައުމުމާ މުޚާތަބުކުރައްވާ ދައްކަވާ ވާހަކަފުޅަކީ ރައްޔިތުންގެ ވަރަށް ގިނަ އުންމީދުތަކާ ގުޅިފައިވާ މުހިންމު ކަންކަމުގެ އުފާވެރި ޚަބަރު ލިބޭނެ ވާހަކަފުޅެއްކަމަށް ސަރުކާރުން ހާމަކުރެއެވެ.
17 ނޮވެންބަރު 2013 ގައި ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ދާދި ކުޑަމުއްދަތެއްގެ ތެރޭގައި މުޅި ރާއްޖޭގެ ތަރައްޤީއަށް އިންޤިލާބީ ބޮޑު ބަދަލެއް ގެންނަވާފައިވާ ވެރިއެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މިވީ ހަތަރު އަހަރުދުވަހުގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީގެ މަޝްރޫއެއް ކުރިއަށް ނުގެންދާ އެންމެ ރަށެއްވެސް ރާއްޖޭގައި ނެތުމަކީ ޖަޒީރާރަށްތަކެއްގެ މަށްޗަށް އޮންނަ ޤައުމަކޭ ބުނެ މީގެ ކުރިން ތަރައްޤީ ނުގެނެވި ދިގުލައިގެން ދިޔަ ދިއުމަށް ނިމުމެއް ގެނުވިކަމަކެވެ.
ވެރިރަށް މާލެއެކޭ އެއްގޮތަށް ރާއްޖޭގެ އެހެން ބޮޑެތި ރަށްތަކުގައިވެސް އެތަށް ބިލިޔަން ރުފިޔާއެއްގެ ބިޔަ މަޝްރޫޢުތައް ހުއްޓުމެއްނެތި މިދަނީ ހިންގަމުންނެވެ. ބަނދަރުތަކާއި، ފެނާއި ނަރުދަމާގެ ނިޒާމުގެ ޤާއިމްކުރުން ފަދަ މަޝްރޫޢުތަކަކީ މިއަދު ރައްޔިތުންނަށް ބޭނުންވާ ހަމައެކަނި ތަރައްޤީނޫންކަން ރައީސް ޔާމީން ގެންދަވަނީ ދައްކަވަމުންނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ ބްރިޖާއި، ފަންސަވީސް ބުރީގެ ހޮސްޕިޓާ ފަދަ ބިޔަ މަޝްރޫޢުތަކަކީ މީގެކުރިން ރާއްޖެ ދެކެފައިނުވާ ބޮޑެތި އަދި ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ މުހިއްމު މަޝްރޫޢުތަކެކެވެ.
މިފަދަ މަޝްރޫޢުތަކަކީ އަދުގެ ސަރުކާރަށް ކުރަން އެހާ އުނދަގޫ ކަމެއް ނޫންކަން މިވަނީ ހާމަވެފައެވެ. ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ރައްޔިތުންނާ މުޚާތަބުކުރައްވައި ދައްކަވާ ކޮންމެ ވާހަކަފުޅަކުންވެސް ރައްޔިތުންނަށް އެތައް އުންމީދެއް އާވެގެންދާއިރު، ސަރުކާރަށް 4 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ އަލިމަސްކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި އެމަނިކުފާނު ދެއްވާ ޚިތާބުގައި ފާއިތުވި 4 އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމުގެ އިތުރަށް އެކި ދާއިރާތަކުން ރައްޔިތުންގެ ވަރަށް ގިނަ އުންމީދުތަކާ ގުޅިފައިހުރި ކަންކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާނެކަން ސަރުކާރުން މިވަނީ ޢިއުލާންކޮށްފައެވެ. ރިޔާސީ ދައުރުގައި ކުރިއަށް އޮތް އަހަރު ފަށްޓަވާނެ ތަރައްޤީގެ މަޝްރޫޢުތަކާއި، އިޤްތިސާދީ އަދި އިޖްތިމާޢީ ތަރައްޤީގެ ރޮނގުން ޤައުމަށް ގެންނާނެ އެދެވޭ ކުރިއެރުންތަށް ވެސް އެނގިގެންދާނެއެވެ. އެހެންކަމުން މިއީ މިޖަލްސާ ޚާއްސަވެގެންދާނެ އެއްމެ މުހިއްމު އެއް ސަބަބުކަން ޔަގީނެވެ. މިޖަލްސާގެ ޚާއްސަކަމާއި، ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އާންމު ފަރާތްތަކުން ސޯޝަލް މީޑިއާއިގައި ދަނީ އެކަން ފާހަގަކޮށް ޝުޢޫރުތައް ފާޅުކުރަމުންނެވެ.