ޚަބަރު

އައްޑޫގައި ޒުވާނުންގެ ދުވަސް ފާހަގަކުރީ ފަލިޖެހުމުގެ ޙަރަކާތަކުން


ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ރޭވި ޙަރަކާތްތަކުގެ ތެރެއިން އައްޑޫސިޓީ ފޭދޫ ގައި ރޯވިން އަށް ޚާއްޞަކޮށްގެން ރޯވިން އޯޕަން ޑޭ ބާއްވައިފިއެވެ.

ރޯވިން ތަޖުރިބާކޮށްލަން ބޭނުންވާ ހުރިހާ ޢުމުރެއްގެ ކުދިންނަށް ހުޅުވާލައިގެން ބޭއްވި މި ޙަރަކާތުގައި ރައްޔިތުންގެ މަޖްލީހުގެ ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އިބްރާހިމް ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

ޤައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި  ޔޫތު މިނިސްޓްރީން އައްޑޫސިޓީގައި މިފަދަ ޙަރަކާތެއް ބޭއްވުމާއި ގުޅިގެން ،މި ޙަރަކާތަައް ޢިޝާރާތް ކުރައްވާ އިއްޒަތްތެރި މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ، އައްޑޫ ސިޓީއަށް އަލަށް ތަޢާރަފުކުރި މިކުޅިވަރުން، ރާއްޖޭގެ ތާރީޚުގައިވެސް ރަން ވަނަތަކެއް ހޯދާނެ އެއް ސިޓީއަށް އައްޑޫސިޓީ ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މިކުޅިވަރު ތަރައްޤީކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއި، ޔޫތް މިނިސްޓްރީން ކޮށްދެއްވާ މަސައްކަތް އިބްރާހިމް ދީދީ ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/15109366612359.jpg|ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް އައްޑޫސިޓީގައި ބޭއްވި ޙަރަކާތުގައި ފޭދޫ ދާއިރާގެ މެންބަރު ވާހަކަފުޅު ދައްކަަވަނީ.

"މީ ހަމަ ވަރަށް ރަނގަޅު ކުޅިވަރެއް. ވަރަށް ހަމަ ހިތްހަމަޖެހޭ ވަރަށް.. ދިވެހިރާއްޖެ އާއި ޚާއްޞަކޮށް ..ރައްޔިތުންނާއި ވަރަށް ގުޅޭ ކަމެއް މިއީ. ރަނގަޅު އެކަށީގެންވާ ކާމިޔާބު ހޯދޭވަރަށް ދިވެހިންގެ ތެރެއިން ޒުވާނުން ތަމްރީންކުރެވިދާނެ ކަމެއް މި ކުޅިވަރުގަ. އެހެންކަމުން މިއީ ވަރަށް ހިތްހަމަޖެހޭ ވަރަށް އުފާވެރި މަންޒަރެއް މިއަދު އަޅުގަނޑުމެންނަށް ފެނިގެންމިދަނީ. އަޅުގަނޑުމެން އައްޑޫސިޓީ ގެ ޒުވާނުންނަކީ ވަރަށް ކުޅިވަރުގަ އިންވޯލްވް ވެގެން އެކިއެކި މަޝްހޫރު ކުޅިވަރުތަކުން ރަން މެޑަލް ހޯދުމަށްޓަކައި ގިނަގުނަ މަސައްކަތްތައް ކުރަމުންދާ ޒުވާނުންތަކެއް. ދިވެހިރާއްޖޭގެ ހުރިހާ ޒުވާނުންނަށް މިއަދުގެ މުނާސަބަތުގައި މަރުޙަބަ އާއި ތަހުނިޔާ ދަންނަވަން ބޭނުންވޭ." ރައްޔިތުންގެ މަޖްލީހުގެ ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އިބްރާހިމް ދީދީ ވިދާޅުވިއެވެ.



ރޯވިން އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޙަބީބު ވިދާޅުވީ ޒުވާނުންގެ ދުވަހާއި ގުޅިގެން ރޯވިން ގެ ޙަރަކާތެއް ބޭއްވުމަކީ މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ކުޅިވަރު ތަޖުރިބާކޮށްލަން ލިބުނު ރަނގަޅު ފުރުޞަތެއް ކަމަށެވެ. ރާއްޖެއަކީ، ވަށައިގެން ކަނޑު އޮންނަ ޤައުމަކަށްވެފައި މިއީ ރާއްޖެއާއި ވަރަށް ގުޅުންހުރި ކުޅިވަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގައި ރޯވިން ތަރައްޤީ ކުރެއްވިއްޖެނަމަ، ރޯވިންއަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ކާމިޔާބީތަކެއް ހޯދުމުގެ ފުރުޞަތު އޮތް ކުޅިވަރެއްކަން ޙަބީބް ފާހަގަކުރެއްވިއެވެ.  



"ދިވެހި ޒުވާނުންނަށް އޮތް ..ރޯވިން ގެ ތެރެއިން އޮތް ފަހި ފުރުޞަތުތައް ބުނެލަދީ، އެކުދިންނަށް އެ ފުރުޞަތުތައް ލިބޭނެ މަގުފަހިކޮށްލަދިނުން އަސްލު ޒުވާނުންގެ ދުވަހުގެ މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ. ކުޅިވަރު ކުރިއަރުވާ ޒުވާނުންނަށް ބޭނުންހިފޭވަރަށް އަޅުގަނޑުމެންގެ އާލާތްތައް އެބަހުރި. އަޅުގަނޑުމެންގެ ތަޖުރިބާކާރު، ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރާ މިސަރަޙައްދަށް ޤަބޫލުކުރާ ކޯޗުން އެބަތިބި. އެހެންވީމަ އަޅުގަނޑުމެން ޤަބޫލުކުރަނީ އަޅުގަނޑުމެންނަށް ދާދި އަވަހަށް...އަޅުގަނޑުމެންނަށް މެޑަލާއި އެންމެ ކައިރި ކުޅިވަރަކަށް ރޯވިން ވެގެންދާނެއޭ.. ޒުވާނުންނަށް ރޯވިން ގެ ތެރެއިން އާމްދަނީ ހޯދުމުގެ ފުރުޞަތުތަކެއް ޓޫރިޒަމް ބޭސްޑްކޮށް އެބައިން. އަޅުގަނޑުމެން މިހާރު މިދަނީ އެ ޕްރޮގްރާމްތައްވެސް ހިންގައި އެކަމަށް ޝައުޤުވެރިކަންހުރި ކުދިންނަށް އެ ފުރުޞަތުތަކުގެވެސް މަޢުލޫމާތުދީ އެކަންވެސް ހިންގަމުން މިދަނީ." ރޯވިން އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޙަބީބު ވިދާޅުވިއެވެ.

ރޯވިން އެސޯސިއޭޝަނުން އިސްވެ، މި ޙަރަކާތް ރާވައި ހިންގިއިރު، މޯލްޑިވްސް ޕޮލިސް ސާރވިސްއާއި، ސަރުކާރުގެ އޮފީސްތަކާއި، ސަދަން ޓްރާންސްޕޯރޓް ލިންކާއި، ޔޫތް މިނިސްޓްރީގެ ހިތަދޫ ކޯޑިނޭޓަރާއި، ރައްޔިތުންގެ މަޖްލީހުގެ ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އިބްރާހިމް ދީދީ ގެ އިތުރުން އަމިއްލަ އެކި ފަރާތްތަކުގެ ބޮޑު އެއްބާރުލުމެއް މި ޙަރަކާތަށް ލިބިފައިވާކަމަށް ރޯވިން އެސޯސިއޭޝަނުން ހާމަކުރެއެވެ.

ކުޑަކުދިންނަށް ޚާއްޞަކޮށްގެން ޕޮލިސް ޔުނިފޯރމުގައި ފޮޓޯނެގުމާއި، ފޭސް ޕެއިންޓުކޮށްދޭ ސްޓޯލަކާއިއެކު ބޭއްވި މި ޙަރަކާތައް ޒުވާނުންނާއި ކުޑަކުދިންގެ ވަރަށް ބޮޑު ތަރުޙީބެއް  ލިބުނުކަމަށްވެސް ރޯވިން އެސޯސިއޭޝަނުން ބުނެއެވެ.