ޚަބަރު

ހުކުރު އުފާގެ މިހަފްތާގެ ޙަރަކާތްތައް ނުބާއްވަން ނިންމައިފި


އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް ގުޅިގެން އާންމުކޮށް ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހުގެ ހަވީރާއި ރޭގަނޑު ބާއްވާ ހުކުރު އުފާ ފެސްޓިވަލްގެ ޙަރަކާތްތައް މި ހަފްތާގައި ނުބާއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.

ހުކުރު އުފާގެ ޙަރަކާތްތައް މިހަފްތާގައި ނުބާއްވާގޮތަށް ހަމަޖެއްސީ، އިސްލާމީ މަރުކަޒުގައި، ދީނީ ޢިލްމުވެރިންގެ މަހާސިންތާ ކުރިއަށްދިއުމާއި، އަދި ޤައުމީ ދުވަހަށް ތައްޔާރުވުމަށް ކުރިއަށްގެންދާ ޙަރަކާތްތަކާއި މުހިންމު އިހްތިފާލްތަކެއް ކުރިއަށްދާތީއެވެ.

މި ހަފްތާގެ ހުކުރު އުފާގެ ޙަރަކާތްތައް ނުބާއްވާގޮތަށް ހަމަޖެހުނު ނަމަވެސް ކުރިއަށް އޮތް ހަފްތާތަކުގައި ކުރިއެކޭވެސް އެއްގޮތަށް މި ފެސްޓިވަލްގެ ޙަރަކާތްތައް ކުރިއަށްދާނެއެވެ.

ހުކުރު އުފާ ފެސްޓިވަލަކީ ޢާއްމުރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމްދީނަށް އަހުލުވެރިކުރުވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް ގުޅިގެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ހަވީރާއި ރޭގަނޑު ކުރިއަށްގެންދާ އިސްލާމީ ފެސްޓިވަލެކެވެ.