ޚަބަރު

ޤައުމީ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުގައި ޚާއްޞަ ޙަރަކާތްތަކެއް


ޤައުމީ ދުވަހުގެ މުނާޞަބަތުގައި ސްކޫލްތަކުގައި ޚާއްސަ ޙާރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިޙަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ފަތިސްނާމާދަށްފަހުގައިކަމަށެވެ. އެގޮތުން އެ ދުވަހު އިސްލާމީ މަރުކަޒުގައި ކުރެވޭ ފަތިސްނަމާދުގެ ޖަމާއަތުގައި މާލޭގެ ހުރިހާ ސްކޫލަކުން ބައިވެރިވާނެކަމަށާއި، ނަމާދަށް ފަހު ދީނީ ނަސޭހަތް ދިނުންވެސް އޮންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ހަރަކާތް ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ކުރިއަށް ގެންދާނެކަމަށެވެ.

މީގެ އިތުރުން ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޖާފަތެއް ތައްޔާރުކުރުން އޮންނާނެ ކަމަށާ، މިއީ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ އެންމެ ފާހަގަކޮށްލެވޭ ޙަރަކާތަށް ވެގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެގޮތުން މި ޖާފަތް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެންމެ ކުރީގެ ޖާފަތާ އެއްގޮތަށްކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި ޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަތީ ޘާނަވީ އާއި ޘާނަވީ ދަރިވަރުންނަށް ޚާއްޞަކޮށްގެންނެވެ. މި ޙަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު ނަމާދަށް ފަހުގައެވެ.

މި ޙަރާކާތްވެސް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކުރިއަށް ގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުންވެސް ސްކޫލުތަކުން އިސްނަގައިގެން ޤައުމީ ދުވަސް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.