ޚަބަރު

"ޒަވިޔަނި ޔޫތް ފެސްޓިވަލް" މިމަހުގެ 23 ވަނަ ދުވަހަށް ފަސްކޮށްފި


މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫތް މިނިސްޓްރީން ބާއްވާ ޙާއްސަ ހަރަކާތް "ޒަވިޔަނި ޔޫތް ފެސްޓިވަލް" މިމަހުގެ 23 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

މާދަމާ ބޭއްވުމަށް މީގެ ކުރިން ނިންމާފައިވާ މި ހަރަކާތް މިމަހުގެ 23 ވާ ބުރާސްފަތި ދުވަހަށް ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ޔޫތް މިނިސްޓްރީ ބުނެއެވެ.

މި ފެސްޓިވަލް ކުރިއަށްދާނީ މާލޭ ރަސްފަންނު ސަރަޙައްދުގައެވެ.

މި ފެސްޓިވަލުގައި ވިޔަފާރިވެރިންނާއި، ޒީނަތްތެރިވުމުގެ ދާއިރާއާއި، ޅެންވެރިކަމާއި، ލިޔުންތެރިކަމުގެ ދާއިރާއާއި، ކުރެހުމުގެ ތަފާތު ފަންނުވެރިކަމާއި އަދި ކެއްކުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޒުވާނުން ފެނިގެންދާނެއެވެ. މީގެއިތުރުން ފޮޓޯ އަދި ވީޑިއޯ ނެގުމުގެ ދާއިރާއާއި، އަތްތެރިކަމުގެ މަސައްކަތާއި، ތަޢުލީމާއި، ކަސްރަތާއި، ކުޅިވަރިގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ ޒުވާނުންގެ ހުނަރުތައް މި ފެސްޓިވަލުން ފެނިގެންދާނެކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔޫތް މިނިސްޓްރީއާއި އެކި ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން އަންނަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ.