ޚަބަރު

"ޔޫ-ފެސްޓް 2017" އަންނަ އާދިއްތަ ދުވަހު ބާއްވަން ހަމަޖައްސައިފި


މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށްޓަކާ ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫ-ފެސްޓް 2017" ގެ ހަރަކާތްތައް އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފިއެވެ.

މި ޙަރަކާތް ފަސްކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން ހާމަކުރެއެވެ.

އެޗް.ޑީ.ސީއިން އާއްމުކޮށް އިންތިޒާމްކުރާ ފެސްޓިވަލްތަކާއި ޚިލާފަށް، މިފަހަރުގެ ފެސްޓިވަލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެންނެވެ. އަދި މިފަދަ ޙަރަކާތެއް އިންތިޒާމްކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލެއަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުން މީހުން އައިސް އާބާދުވެފައިވާ ރަށަކަށްވުމުން، މުޖުތަމަޢުގެ ތެރޭގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވައި އާލާކުރުންކަމަށް އެކުންފުނިން ބުނެއެވެ.

އެގޮތުން މިމަހުގެ 19 ވާ އާދިއްތަ ދުވަހުގެ ފަތިހު 5:30 އިން ފެށިގެން ގާތްގަނޑަކަށް 19 ގަޑިއިރަށް މި ފެސްޓިވަލްގެ އެކި ޙަރަކާތްތައް ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެޗް.ޑީ.ސީގެ މުނިސިޕަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޒައިނާ ވަނީ ވިދާޅުވެފައެވެ.

"ޔޫފެސްޓް 2017" އަކީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ބާއްވާ ޙަރަކާތެއް ނަމަވެސް، ހުރިހާ އުމުރު ފުރާއެއްގެ ބޭފުޅުންނަށްވެސް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާފައިވާކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ. އެގޮތުން ކުޑަކުދިންނަށާއި، ޒުވާނުންގެ އިތުރުން އުމުރުންދުވަސްވީ މީހުންނަށްވެސް ޚާއްސަ ހަރަކާތްތަކެއް މި ފެސްޓިވަލް ކުރިއަށްދާ ވަގުތު ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާނެކަމަށް އެކުންފުނިން ބުނެއެވެ.

"ޔޫފެސްޓަކީ ހުޅުމާލޭގައި މި ސްކޭލްގައި ބާއްވާ އެންމެ ބޮޑު އިވެންޓް. މި އިވެންޓްގައި ފެނިގެންދާނެ ޒުވާނުންނަށާއި ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ ފަރާތްތަކަށްވެސް ޚާއްސަ އެކި ހަރަކާތްތައް. އެގޮތުން ހެނދުނު ޔޯގާ ސެޝަނެއް ކުރިއަށްދާނެ. އެއަށްފަހު ކޭމާޓް ރޭހަކާއި، ކުޑަކުދިންގެ ހަވީރަކާއި، ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތަކާއި، އަދިވެސް އެކި ކަހަލަ ކުޅިވަރުތަކާއި މުބާރާތްތަކުގެ އިތުރުން، އެ ރޭ މިއުޒިކް ޝޯވ އެއްވެސް ކުރިއަށްދާނެ. މިއީ ހަމަ ހުރިހާ އުމުރެއްގެ ބޭފުޅުންނަށްވެސް އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އިވެންޓެއް" ޒައިނާ ވިދާޅުވިއެވެ.

މި ޙަރަކާތުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަށް އެޗް.ޑީ.ސީއިން އިލްތިމާސްކުރެއެވެ.