ޚަބަރު

ދިހަ ވަނަ ސައުތު އޭޝިޔާ އިކޮނޮމިކް ސަމިޓް ނިމިއްޖެ


ދެކުނު އޭޝިޔާގެ ޤައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހި ކުރަންޖެހޭކަން ފާހަގަ ކުރުމަށްފަހު ދިހަ ވަނަ ސައުތު އޭޝިޔާ އިކޮނޮމިކް ސަމިޓް ނިންމާލައިފިއެވެ. ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިމަހުގެ 14 އިން 16 އަށް ކުރިއަށްދިޔަ މި ސަމިޓުގައި ދެކުނު އޭޝިޔާގެ ޤައުމުތަކުގެ މެދުގައި ވިޔަފާރި ފުޅާކޮށް، ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާއިބެހޭ ގޮތުން މަޝްވަރާ ކުރިއެވެ. އަދި ކާރިޘާ ތަކުން ލިބޭގެއްލުން ކުޑަކުރުމުގައި ސަރަހައްދީ އެއްބާރުލުންދީ އެހީތެރިވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ތަފާތު ދާއިރާތަކުން 200 އަށް ވުރެ ގިނަ ތަޖުރިބާ ކާރުން ބައިވެރި މި ބައްދަލުވުމުގައި ދިވެހި ރާއްޖެއިންވަނީ މިސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާބެހޭ ގޮތުން ޚިޔާލު ހުށަހަޅާފައެވެ. އެގޮތުން މިބައްދަލުވުމުގައި ސަރަހައްދީ އެއްބާރުލުމާއި ދޭދޭ ޤައުމުތަކުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގައި ރާޢްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އަބްދުލް ލަތީފް މުހައްމަދު ވިދާޅުވިއެވެ.

" ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ ސަރަހައްދީ ގުޅުން ވަރުގަދަ ކުރުމަށް މަގުފަހިވާފަދަ އިޤްތިސާދީ އަދި އިޖްތިމާޢީ ޕްރޮގްރާމްތައް ތަންފީޒްކުރަން. ސާކްގެ މަސައްކަތައް އަޅުގަނޑުމެންގެ އެއްބާރުލުންލިބޭނެ އަދި އަޅުނޑުމެންކުރާ ތާޢީދު ތަކުރާރުކުރަން." އަބްދުލް ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ދެކުނު އޭޝިޔާ ސަރަހައްދަކީ ވިޔަފާރިއަށް ފަހި ސަރަހައްދަކަށް ހެދުމުގައި ކަސްޓަމްސްގެ ދައުރު މުހިއްމުކަން ރާއްޖެއިން ފާހަގަކުރިއެވެ. އެގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދު ވަނީ ޤައުމުތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް މައުލޫމާތު ބަދަލުކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފައެވެ. އަދި ޤައުމުތަކުގެ ކަސްޓަމްސްގެ މެދުގައި ގުޅުން ވަރުގަދަކަމަށާއި މިގުޅުމުގެ ތެރެއިން ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ނައްތާލެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ. 

" ދެކުނު އޭޝިޔާގެ ޤައުމުތަކާއި އަދި މުޅި ދުނިޔޭގެ ހުރިހާ ޤައުމުތަކުގެ ކަސްޓަސްޓް މެދުގައި ވަރަށް ރަނގަޅު ގުޅުމެއް އޮވޭ. އަޅުގަނޑަށް ހީވަނީ މިގުޅުމަކީ ވިޔަފާރިއަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތް ފަށަން ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެހެން" އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.

އަދި ކަސްޓަމްސްގެ ޚިދުމަތް ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ސަރަހައްދީ އެއްބާރުލުމަށް ކަސްޓަމްސްއަށް އަދާކުރެވިދާނެ ދައުރާ ބެހޭގޮތުން ޝަރީފް ވާހަކަ ދެއްކެވިއެވެ.

ދިހަވަނަ ސައުތު އޭޝިޔާ އިކޮނޮމިކް ސަމިޓަކީ ދެކުނު އޭޝިޔާ ސަރަހައްދުގެ ޤައުމުތަކަށް ދިމާވެފައިވާ އިޤްތިސާދީ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންމެ އަހަރު ބާއްވާ މަތީ ފެންވަރުގެ ސަރަހައްދީ ބައްދަލުވުމެކެވެ. މިފަހަރުގެ ބައްދަލުވުމުގައި 200 އަށްވުރެގިނަ ތަޖުރިބާކާރުން ބައިވެރިވެ ތަފާތު ދާއިރާތަކުން ވަނީ މަޝްވަރާކޮށްފައެވެ. މިބައްދަލުވުމުގައި ތަފާތު ދާއިރާތަކުން ބޭއްވި ޕެނަލް ޑިސްކަޝަން ތަކުގައި ރާއްޖޭގެ 6 ބޭފުޅުން ބައިވެރިވެ ޚިޔާލު ހުށެހެޅުއްވިއެވެ.

 11 ވަނަ ސައުތު އޭޝިޔާ އިކޮނޮމިކް ސަމިޓް އޮންނާނީ އަންނަ އަހަރު ޕާކިސްތާނުގައެވެ.