ދުނިޔެ

ސަޢުދުލްހަރީރީ ހުންނެވީ ހައްޔަރުކޮށްފައެއް ނޫން- ޢާދިލް އަލް ޖުބެ


މަޤާމުން އިސްތިޢުފާ ދެއްވާފައިވާ ލުބްނާނުގެ ބޮޑުވަޒީރު ސަޢުދުލްހަރީރީ ސައުދީ ޢަރަބިޔާގައި ހައްޔަރުކޮށްފައިނުވާނެކަމަށް ސައުދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު ވިދާޅުވެއްޖެއެވެ.

 ސައޫދީއަށް ވަޑައިގެން އުޅުއްވާ ފަރަންސޭސި ޚާރިޖީ ވަޒީރު ޖޯން އީވް ލޫދްރިއާންއާ ބައްދަލުކުރެއްވުމަށްފަހު ދެ ބޭފުޅުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާދިލް އަލްޖުބައިރު ވިދާޅުވީ، ސަޢުދުލްހަރީރީ އަކީ ސައޫދީ ޢަރަބިޔާގެ ރަށްވެހިކަންވެސް އޮންނަ ބޭފުޅެއްކަމަށާއި އޭނާ ސައޫދީގައި އުޅުއްވަނީ އަމިއްލަ އިޚުތިޔާރުގައިކަމަށެވެ. އަދި ލުބްނާނުގެ ބޮޑުވަޒީރުކަމުން ހަރީރީ އިސްތިޢުފާ ދެއްވީވެސް ސައޫދީ ސަރުކާރުގެ ފިއްތުންތަކެއް އޮވެގެން ނޫންކަމަށް ޖުބައިރު ވިދާޅުވިއެވެ.

ސައޫދީ ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ސަޢުދުލް ހަރީރީ ސައޫދީގައި ހައްޔަރުކޮށްފައިވާކަމުގެ ތުހުމަތު ލުބްނާނުގެ ރައީސް މިޝެލް ޢައުން ސައޫދީ ސަރުކާރުގެ މައްޗަށް ކުރެއްވުމާ ގުޅިގެންނެވެ. މި ނޫސް ކޮންފަރެންސްގައި ފަރަންސޭސި ޚާރިޖީ ވަޒީރު ޖޯން އީވް ލުދްރިއާން ވަނީ، އޭނާ ހަރީރީއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ފަރަންސޭސިވިލާތަށް ވަޑައިގެންނެވުމުގެ ދަޢުވަތުވެސް ހަރީރީއަށް އަރުވާނެކަމަށް ލޮދްރިޔާން ވިދާޅުވިއެވެ.