ތަޢުލީމު

އީ- ލަރނިންގ ޕްލެޓްފޯމް އިފްތިތާޙްކޮށްފި


ޓީޗަރުންނަށް ދޭ ތަމްރީނާއި ތަޢުލީމުގެ ފުރުސަތު ފުޅާކޮށް އުނގެނުމުގައި މިހާރަށްވުރެ ފަސޭހަގޮތްތައް ފަހިކޮށްދިނުމަށް ނޭޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަންއާއި ޔުނިސެފް ގުޅިގެން "އެޑިއު ދާލަ"އިގެ ނަމުގައި ޚާއްސަ ޕްލެޓްފޯމެއް އެކުލަވާލައިފިއެވެ. 

މިއީ އިންޓަރނެޓް މެދުވެރިކޮށް ރަށުގައ ތިބެގެން ކޮންމެ ޓިޗަރަކަށްވެސް ކިޔެވުމުގެ މަގު ފަހިކޮށްދިނުމަށް އެކުލަވާލި އީ-ލަރނިންގ ޕްލެޓްފޯމެކެވެ. އެގޮތުން އީ-ލަރނިންގ މެދުވެރިކޮށް، ޓީޗަރުންނަށް ހުޅުވާލާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ އަހަރު ހުޅުވާލާނެއެވެ. 

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑުކޭޝަނަކީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރާއި، ޓީޗަރުން ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިންސްޓިޓިއުޓެކެވެ. އެގޮތުން އާ މަންހަޖު އެކުލަވާލުމާއި، ޓީޗަރުންނާއި ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އެކުލަވާލުމާއި، ޓީޗަރުން ކިޔަވައިދޭ ގޮތްތައް ޒަމާނީ ގޮތްތަކަށް ބަދަލުކޮށް ކުދި ފަންތިއާއި މެދުފަންތީގެ ކޯސްތައް ހިންގުމާއި ތަމްރީންތައް ދިނުން ހިމެނެއެވެ. ޓިޗަރުންނަށް ޚާއްސަކޮށްގެން އެކުލަވާލި އީލަރނިންއަކީ މި މަސައްކަތަކަށް އިތުރުވި ހަރުފަތެކެވެ. 

"އެޑިއު ދާލަ" އިފްތިތާޙްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޝިހާމެވެ. މިނިސްޓަރ ވިދާޅުވީ ޓީޗަރުން ތަމްރީންތަކަށް މާލެއައުން ނުވަތަ އެއް ރަށަކަށް ޖަމާވުމާކީ، ވަގުތުގެ ގޮތުންނާއި، ޚަރަދުގެ ގޮތުން ބެލިއަސް ބޮޑު، ބުރަ މަސައްކަތެއްކަމަށެވެ. ނަމަވެސް މި ޕްލެޓްފޯމްގެ ސަބަބުން ރަށްރަށަށް ދަތުރުކުރުމަކާނުލައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ހުރިހާ ޓީޗަރުން އަބަދުވެސް ތިބޭނީ ގުޅިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެެ.

"ޓީޗަރުންނަށް ބޭނުންވާ ތަމްރީންދިނުމުގައި ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ރާއްޖެ ޖަޒީރާ ޤައުމަކަމށްވެފައިވަ ދަތުރުފަތުރުގެ ނިޒާމުގެ ދަތިކަން. މި ޕްލެޓްފޯމްގެ ސަބަބުން ތަމްރީންދިނުމަށް ކުރާ މިފަދަ ޚަރަދުތައް ހަތްދިހައަށް އިންސައްތައަށް ކުޑަކުރެވޭނެ."

އެޑިއުކޭޝަން މިނސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާހީދު މުޙައްމަދު ރަޝާދް ވިދާޅުވީ ފެންވަރު ރަނގަޅު ތަޢުލިމެއް ދިނުމަށް އެންމެ މުހިންމީ އިންސާނީ ވަޞީލަތް ތަރައްޤީ ކުރުންކަމަށެވެ. އެގޮތުން އެންއައިއީއިން ވޭތުވެދިޔަ ހަރަތު އަހަރު ޓީޗަރުން ރަމްރީނު ކުރުމަށް ކޮށްފައިވާ މަސައްކަތްތައް ނާހީދު ފާހަގަކުރެއްވިއެވެ. 

"2015އަހަރުން ފެށިގެން މަދަރުސީ ތަޢުލީމްގެ އާ މަންހަޖްއަށް ޓީޗަރުން ތަމްރީންކުރުމުގެ މަސައްކަތް އެންއައިއީއިން ގެންދަނީ މެދުނުކެނޑި ކުރަމުން. އެގޮތުން 832 އެމްބެސެޑަރުންނާއި، 7461 މުދައްރިސުންނަށް މަންހަޖާއިގުޅޭ ކުރުމުއްދަތުގެ ތަމްރީންތައްވަނީ ދީފައި. އަދި މިހާރުވެސް 78 މުދައްރިސުންނަށް ގެންދަނީ ތަމްރީން ދެމުން." ނާހީދު މުޙައްމަދު ރަޝާދު ވިދާޅުވިއެވެ. 

"އެޑިއު ދާލަ"އިން، ޓީޗަރުންނަށް ހުރި ދިގުމުއްދަތުގެ ކޯސްތަކާއި، ތަމްރީން ޕްރޮގްރާމްތަކުގެ މަޢުލޫމަތުލިބޭނެއެވެ. މި ޕްލެޓްފޯމް އަންނަ އަހަރުންފެށިގެން ޓީޗަރުންނަށް ބޭނުން ކުރަން ހުޅުވާލާނެކަމަށާއި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެކަމަށްވެސް އެންއައިއީއިން ބުނެއެވެ.