ޚަބަރު

މިނިސްޓަރު އާސިމް ޖަޕާނު ބޮޑުވަޒީރުގެނާއިބާ ބައްދަލުކުރައްވައިފި


މިނިސްޓަރ އޮފް ފޮރިން އެފެއާރޒް ޑރ.މުޙަންމަދު ޢާޞިމް، ޖަޕާނުގެ ބޮޑު ވަޒީރުގެ ނާއިބު ޓާރޯ އާސޯއާ ބައްދަލްކުރައްވައިފިއެވެ.

މިބައްދަލްކުރެއްވުން ކުރިޔަށް ގެންގޮސްފައިވަނީ މިހާރު ފޮރިން މިނިސްޓަރު ޖަޕާނަށް ކުރައްވައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިބައްދަލްވުމުގައި ފޮރިން މިނިސްޓަރ ޑރ.އާސިމް ވަނީ ޖަޕާނުން ރާއްޖޭގެ އިޤްތިޞާދީ ، އިޖްތިމާއީ ތަރައްޤީއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ޓާރޯ އާސޯއަކީ ޖަޕާނުގެ ބޮޑުވަޒީރުގެ ނާއިބު އިތުރުން އެޤައުމުގެ ފިނޭންސް މިނިސްޓަރގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅާއެވެ.

ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޑރ. މުޙަންމަދު އާސިމް ވަނީ ރާއްޖޭގެ މިހާރުގެ ސަރުކާރުން ޤައުމަށް ގެންނަމުންދާ ތަރައްޤީއާ ބެހޭ ގޮތުން ޖަޕާނުގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވާފައެވެ. ޖަޕާނުގެ ނޭޝަނަލް ޕްރެސް ކްލަބްގައި ބޭއްވި މިބައްދަލްވުމުގައި މިނިސްޓަރު ވަނީ ޖަޕާނުގެ މީޑިއާތަކުން ރާއްޖެއާމެދު ކުރި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.  

ފޮރިން މިނިސްޓަރ ޑރ.މުޙަންމަދު ޢާޞިމްގެ މިދަތުރުފުޅަކީ ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.