ކުޅިވަރު

ހުރިހާ މެޗަކުން މޮޅުވެ ދަނޑިމަގު ރަނިން ޗެމްޕިއަންކަން ހޯދައިފި


އެއްވެސް މެޗަކުން ބަލިނުވެ ފުވައްމަލު ސިޓީ ކައުންސިލު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ދަނޑިމަގު ރަނިން ހޯދައިފިއެވެ. 

ދަނޑިމަގު ރަނިން މުބާރާތް ކާމިޔާބު ކުރީ ފައިނަލުގައި ފްރެންޑްސް ކުލަބް ފުނާޑް ސީދާ ތިންސެޓުން ބަލިކޮށްގެންނެވެ. ފައިނަލު މެޗުގެ ސެޓުތައް ދަނޑިމަގު ރަނިން ގެންދިޔައީ  ފަންސަވީސް އެކާވީސް ފަންސަވީސް އެކާވީސް އަދި ފަންސަވީސް ފަނަރައިންނެވެ. 

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދަނޑިމަގުރަނިންގެ ނިރުމަލާއެވެ. މުބާރާތު އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައިވެސް ނިރުމަލާ ހިމެނެއެވެ. މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނޭ ކުޅުންތެރިންނަކީ ދަނޑިމަގުރަނިންގެ މިނިމޮލް އަބްރަހަމް، ފާތުމާތު ޖޫޒާން ޒަރީރުގެ އިތުރުން ފްރެންޑްސް ކުލަބް ފުނާޑްގެ ބޮރުހާނީ އެސްފަނީއާއި ޒައިނަބު އަދި އެޓީމުގެ އައިޝަތު މާޖިދާއެވެ. 

މުބާރާތުގެ އެކާވީސް އަހަރުން ދަށުގެ އެންމެމޮޅު ކުޅުންތެރިޔަކަށް ހޮވިފަވަނީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ އައިމިނަތު އަރީޝާއެވެ. 

ޗެންޕިއަން ދަނޑިމަގުރަނިންގެ ކޯޗު އިސްމާއިލް ރިފާއު ބުނީ މެޗުފަސޭހަނުވާނެކަން ކުރިންވެސް އެގުނުކަމަށާ މެޗަށް ތައްޔާރުވުމާ ހަމައިންފެށިގެން މެޗު ނިމެންދެން ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކުރާކަމަށް.

"ގެއިން ނިކުމެގެން އައި އިރުވެސް، މެޗުގެ ވޯމްއަޕުގަވެސް އެންމެން އެއް ރޫހެއްގައި ތިބީ، ވަރަށް ތައްޔާރުވެފައި ތިބީ، މިހީ ވަރަށް ބޮޑު ކާމިޔާބެއް" ރިފާއު ބުންޏެވެ. 

މެޗަށްފަހު މުބާރާތުގެ ރަނަރަޕް ޓީމް ފްރެންޑްސް ކުލަބް ފުނާޑް ކޯޗު އަހުމަދު ސުނާން ބުނީ މުޅިމުބާރާތުގައި ވެސް އެޓީމު ކުޅެމުން ދިޔައީ ވަރަށް ޕްރެޝަރުގައި ކަމަށާއި ފައިނަލު މެޗުގަވެސް އެޕްރެޝަރ ކުރިމަތިވިކަމަށް.

"އަސްލު އެހާ ގާތްގާތުގައި މެޗު ކުޅެން ޖެހުނީމަ އުނދަގޫވީ، އަނެއްކޮޅުން ވަރަށް ޕްރެޝަރުގައި ޓީމް އޮތީ" ސުނާނު ބުންޏެވެ.