ވިޔަފާރި

އެމްއެމްޕީއާރުސީން އަންނަ އަހަރު 15 ފެއަރއެއްގައި ބައިވެރިވާނެ


ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން އަންނަ އަހަރުތެރޭ ބައިނަލްއަޤްވާމީ 15 ފެއަރއެއްގައި ބައިވެރިވުމަށް ނިންމައިފިއެވެ. 

މިއަހަރުތެރޭ އެމްއެމްޕީއާރުސީން ބައިވެރިވެފައިވަނީ 12 ފެއަރއެއްގައެވެ.  

އަންނަ އަހަރު 15 ފެއަރއެއްގައި ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، އޭގެތެރެއިން ފަސް ފެއަރއެއް ބާއްވަނީ ޖެނުއަރީމަހުގެތެރޭގައެވެ. އަދި 15 ފެއަރގެ ތެރޭގައި ގިނައީ ޔޫރަޕްގެ ޤައުމުތަކުގައި ބާއްވާ ފެއަރތައްކަން ފާހަގަކޮށްލެވެއެވެ. 

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ ފަތުރުވެރިކަމުގެ އެކި ފެއަރތަކުގައި ރާއްޖެ އިސްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި މިމަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަން ފާހަގަކޮށްލެވެއެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމަބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ނުވަސްތޭނަ ނުވަދިހަ އަށްހާހަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. މިއީ ހުސްވި އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދާ އަޅާ ބަލާއިރު ހައެއް އިންސައްތަ އިތުރު ޢަދަދެކެވެ.